އަމިއްލަ ގޮތުން ޤުރުއާން މުބާރާތެއް ބާއްވައި އާންމުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމަށް އައްޑޫ މީދޫ ކައުންސިލަރު އައިމިނަތު ސާލިހާ ކުރައްވާ މަސައްކަތްތަކަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ތައުރީފު ކުރައްވައިފި އެވެ.
މި މަހުގެ 10-13 އަށް ސާލިހާ އިންތިޒާމުކޮށްގެން ބޭއްވި "ޔޫސުފް ނާއިބު ޤުރުއާން" މުބާރާތުގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ ބައިވެރިވެވަޑައިގެން ޝަހީމް ވަނީ ޤުރުއާން މުބާރާތެއް އިންތިޒާމުކުރެއްވުމުގައި ސާލިހާ ކުރެއްވި މަސައްކަތަށް ތައުރީފު ކުރައްވައި އެކަމުގައި ދެމިހުންނެވުމަށް ހިތްވަރު ވެސް ދެއްވި އެވެ.
ޝަހީމް ވިދާޅުވީ ޤުރުއާން އުނގެނުމާއި އުނގަންނައި ދިނުމަކީ މާތްކަމާއި މަތިވެރިކަމެއް ކަމަށެވެ. އަދި ޤުރުއާނަކީ މާތްﷲ ގެ ކަލާންފުޅުކަމަށާއި އެއީ އެންމެ ފަހުގެ ފޮތް ކަމަށާއި އެއީ ލޮޣަވީ، ޢިލްމީ ބަލާޣާތްތެރި މުޢުޖިޒާތެއް ކަމަށް ވެސް ވިދާޅުވި އެވެެ އެހެންވެ ޤުރުއާނުގެ ޙުކުމްތަކަށް ތަބަޢަވުމުގެ މައްޗަށް މުޅި މުޖުތަމައު އާއި ޒުވާން ޖީލު ތަރުބިޔަތު ކުރުމަށް އިލްތިމާސް ވެސް ކުރެއްވި އެވެ.
ޝަހީމް ވަނީ މުބާރާތަށް މުޖުތަމައު އިން ދެއްވި ފުރިހަމަ ތަރުޙީބަށް ޝުކުރު ވެސް އަދާކުރައްވައި، އެކަން ކުރިމަގުގައި ވެސް ދެމެހެއްޓުމަށް ބާރު އަޅުއްވައިފަ އެވެ. އަދި މިފަދަ ކަންކަމުގައި މުދަލުން ހޭދަކުރުމަށް ވިޔަފާރިވެރިންނަށް ހިތްވަރު ދެއްވައި މުބާރާތް ސްޕޮންސަކުރި ފަރާތްތަކަށް ހެޔޮ ދުޢާ ރައްދުކުރެއްވި އެވެ.
ޝަހީމް ފާހަގަކުރެއްވި ގޮތުގައި ސާލިހާ އިންތިޒާމުރެއްވި މުބާރާތަކީ ހުޅުމީދު އާއި ދެކުނުގެ އަތޮޅުތަކުގައި އިސްލާމް ދީން ފެތުރުއްވި ޔޫސުފް ނާއިބް ކަލޭފާނަށް ނިސްބަކޮށްފައިވާ މުބާރާތެކެވެ.
މި މުބާރާތުގައި ޖުމްލަ 159 މީހަކު ވާދަކުރި އެވެ. އޭގެ ތެރެއިން 17 މީހުންނަކީ އާންމުންނެވެ. ދެން ވާދަކުރި އެންމެންނަކީ ވެސް ސްކޫލްތަކުގެ ދަރިވަރުންނެވެ.
ސާލިހާ ވިދާޅުވީ ޤުރުއާން މުބާރާތެއް ބޭއްވުމަކީ އޭނާ ވަރަށް ކުރިއްސުރެ ވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އަދި އެކަން ހަގީގަތަކަށްވުމަކީ މި މަސައްކަތް އިތުރަށް ކުރިއަށް ގެންދަން ލިބިވައިގަތް ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
"ޔޫސުފް ނާއިބު ޤުރުއާން" މުބާރާތުގެ އުސްއަލިތައް:
* މުޅި މުބާރާތުގެ ހިފުޒް ބައިން އެއް ވަނަ މަރިޔަމް ރަސާ ތައުފީގު
* މުޅި މުބާރާތުގެ ހިފުޒް ބައިން ދެ ވަނަ އައިޝަތު މަލްދާ ހަލީމް
* މުޅި މުބާރާތުގެ ހިފުޒް ބައިން ތިން ވަނަ އައިޝާ ޔަޒްކާ މައުސޫމް އަދި އީޝާ އަސްލަމް
* ބަލައިގެން ކިއުމުގެ ބައިން އެއް ވަނަ ނަވާލް ހުސައިން މުހައްމަދު
* ބަލައިގެން ކިއުމުގެ ބައިން ދެ ވަނަ ކައިސާ ހިޔާޒް އަދި ރާއިޝް މޫސާ
* ބަލައިގެން ކިއުމުގެ ބައިން ތިން ވަނަ މަންހާ ޖަލީލު، ލީޝް ހަމީދު އަދި ޝަހުދާ ސަވާދު
* މުބާރާތުގެ ދޮށީ ބައިން އެއް ވަނަ އައިމިނަތު ޝަރީފާ އަދި ހައްވާދީދީ
* މުބާރާތުގެ ދޮށީ ބައިން ދެ ވަނަ ސިދުރާ ހުސައިން އަދި އަލީ މުމްތާޒް
* މުބާރާތުގެ ދޮށީ ބައިން ތިން ވަނަ އައިޝަތު ޝަޒާ އަދި އިބްރާހީމް މުހައްމަދު