Last Updated: May 30, 19:17
Tuesday, May 30, 2023
ކުޅިވަރު

ވޯލްޑް ކަޕަށް ޕްރިންސް މުހައްމަދު ގަތަރަށް

ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތަށް ސައުދީ އަރަބިއްޔާގެ ބޮޑުވަޒީރު އަދި އެގައުމުގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ގަތަރަށް ވަޑައިގެންފި އެވެ.

ޕްރިންސް މުހައްމަދު ގަތަރަށް ވަޑައިގެންނެވީ އެގައުމުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އަލް ޘާނީގެ ދައުވަތަކަށެވެ.

ގަތަރަކީ ޓެރަރިސްޓުންނަށް ވާގިވެރިވާ ގައުމެއް ކަމަށް ބުނެ ސައުދީން 2017 ވަނަ އަހަރު ވަނީ ގަތަރާއި ގުޅުން ކަނޑާލާފަ އެވެ. ނަމަވެސް ތިން އަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ އަހަރުން ފެށިގެން ދެ ގައުމުގެ ގުޅުން ވަނީ އަލުން ބަދަހިވާން ފަށާފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ގަތަރުގެ އަމީރު ސައުދީ އަށް ދަތުރުފުޅެއް ވެސް ކުރައްވާފައިވެ އެވެ.

މިފަހަރުގެ ވޯލްޑް ކަޕަކީ އަރަބި ގައުމެއްގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މިފަހަރުގެ މުބާރާތް ވެގެންދާނީ މިހާތަނަށް ބޭއްވޭ އެންމެ ބަރާބަރު ވޯލްޑް ކަޕަށް ކަމަށް ފީފާ އިން ބުނެ އެވެ.

ވޯލްޑް ކަޕް ހުޅުވާނީ މިރޭ ގަތަރާއި އިކުއެޑޯ ބައްދަލުކުރާ މެޗުންނެވެ.