އުމުރުފުޅުން 97 އަހަރުގައި މެލޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއަކަށް ވާދަކުރެއްވި އެގައުމުގެ ކުރީގެ ބޮޑުވަޒީރު މަހާތީރް މުހައްމަދު ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފި އެވެ.
މިއީ 1969 ވަނަ އަހަރަށްފަހު އިންތިހާބަކުން މަހާތީރް ބަލިވި ފުރަތަމަ ފަހަރެވެ.
މެލޭޝިއާގައި އިއްޔެ ބޭއްވި އާންމު އިންތިހާބުގައި މަހާތީރް ވާދަކުރެއްވީ މެލޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ލަންގްކާވީ ދާއިރާ އަށް ކަމަށްވާއިރު މަހާތީރަށް ލިބިވަޑައިގެންނެވީ ވޯޓުލީ މީހުންގެ 6.8 ޕަސެންޓް ވޯޓެވެ. ގޮނޑި ކާމިޔާބު ކުރެއްވި ޕެރިކަޓަން ނާސިއޮނަލް (ޕީއެން) ގެ ކެންޑިޑޭޓް ސުހައިމީ އަބްދުﷲ ވަނީ ވޯޓުލީ މީހުންގެ 38.1 ޕަސެންޓް ވޯޓް ހޯދާފަ އެވެ.
މަހާތީރް މި ގޮނޑި 2018 ވަނަ އަހަރު ކާމިޔާބު ކުރެއްވީ 54.9 ޕަސެންޓް ވޯޓާއެކު އެވެ.
މަހާތީރަށް އިންތިހާބުން ނާކާމިޔާބުވި އިރު އޭނާގެ ޕެޖުއަންގް ޕާޓީ އަށް ގާނޫނު ހަދާ މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. އެ ޕާޓީން ގާނޫނު ހަދާ މަޖިލީހުގެ 121 ގޮނޑިއަކަށް ވާދަކޮށްފައިވެ އެވެ.
މަހާތީރް ވަނީ މެލޭޝިއާގެ ބޮޑުވަޒީރުކަން ދެ ފަހަރެއްގެ މަތިން ކުރައްވާފަ އެވެ. އެގޮތުން ފުރަތަމަ ފަހަރު 22 އަހަރު ވަންދެން އެ މަގާމު މަހާތީރް އަދާކުރެއްވިއިރު ދެވަނަ ފަހަރަށް އެ މަގާމު އޭނާ އަދާކުރެއްވީ އުމުރުފުޅުން 92 އަހަރުގަ އެވެ. އެ މަގާމަށް އެފަހަރު މަހާތީރު ވަޑައިގެންނެވީ 2018 ވަނަ އަހަރު އެވެ.