Last Updated: April 25, 22:42
Thursday, April 25, 2024
މީހުން

ގާނިމް؛ ވޯލްޑް ކަޕްގައި ޤުރުއާންގެ އަޑު

ރޭ ގަތަރުގައި ފެށި ވޯލްޑް ކަޕާ އެކީ މީޑިއާތަކުގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނު އެކަކީ މުބާރާތް ހުޅުވަން ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ކީރިތި ޤުރުއާން ކިޔެވި ޒުވާނާ އެވެ. އެއީ 20 އަހަރުގެ ގާނިމް އަލް މުފްތާހެވެ. އޭނަ އަކީ އުނަގަނޑުން ތިރި ނެތް ނުކުޅެދޭ ޒުވާނެކެވެ. އިންނަނީ ފުރޮޅުލީ ގޮނޑިއެއްގަ އެވެ.

އެކަމަކު ރޭ ގާނިމް ސާބިތުކޮށް ދިނީ ނުކުޅެދުންތެރިކަމެއް ހުއްޓަސް، ކޮންމެ ކަމެއް ވެސް ވެދާނެ ކަމެވެ. އެތައް މިލިއަން ބަޔަލު ލައިވްކޮށް ބެލި ވޯލްޑް ކަޕް ފެށުމުގެ ރަސްމިއްޔާތު އަލް ބައިތު ސްޓޭޑިއަމްގައި ބޭއްވި އިރު އޭނަ އަށް ޤުރުއާން ކިޔަވަން ލިބުމަކީ އާދައިގެ ކަމެއް ނޫނެވެ. މިއީ އަރަބި ގައުމެއްގައި ވޯލްޑް ބާއްވާ ފުރަތަމަ ފަހަރަށްވާތީ، މިއީ މި މުބާރާތު ޤުރުއާންގެ ބަރަކާތުން ފެށި ފުރަތަމަ ފަހަރު ވެސް މެ އެވެ.

އެއާ އެކީ ގާނިމް ތާރީހުގެ ތެރެއަށް ވަދެގެން ދިޔައި އިރު، އޭނަ އަކީ ގަތަރުން ވޯލްޑް ކަޕްގެ އެމްބެސެޑަރަކަށް ވެސް ހަމަޖައްސާފައިވާ މީހެކެވެ. ގާނިމަށް ފުރުސަތު ދިނީ ޒުވާނުންނަށްނަށް ދިން ހިތްވަރެއްގެ ގޮތުގަ އެވެ. ގަތަރުގެ ވަރަށް ގިނަ ޒުވާނުން ރޯލް މޮޑެލްއެއްގެ ގޮތުގައި ދެކޭ ގާނިމަކީ އެތައް ބަޔަކަށް އިންސްޕިރޭޝަނެކެވެ. ނުކުޅެދުންތެރިކަމާ އެކީ ވެސް އޭނާ ދައްކަމުން އަންނަ ކެރުމާއި ހިތްވަރު ރޭ މުޅި ދުނިޔެ ވެސް މި ވަނީ ބަލައިފަ އެވެ.

ގަތަރުގެ ދޯހާ އަށް އުފަން ގާނިމަކީ މި ވަގުތި ޕޮލިޓިކަލް ސައިންސްގެ ދާއިރާ އިން ޔުނިވަސިޓީގައި މަތީ ތައުލީމު ހާސިލުކުރަމުން އަންނަ ޒުވާނެކެވެ. އޭނަ މިހާތަނަށް ވަރަށް ގިނަ ފޮތްތަކާއި އެކި ބާވަތުގެ ލިޔުންތައް ލިޔެފައިވެ އެވެ. ހާއްސަކޮށް ކަންކަން ކުރަން ހިތްވަރު ދޭ ލިޔުންތަކާއި ކާމިޔާބު މީހަކަށް ވާން ކުރެވިދާނެ ކަންކަމާ ގުޅޭ ލިޔުންތަކެވެ.

ތަޖުވީދުގެ މަގުން ވަރަށް ރިތިކޮށް ޤުރުއާން ކިޔަވާ ގާނިމަކީ ސްކޫބާ ޑައިވިން އާއި ސްކޭޓްބޯޑިން އާއި ރިކް ކްލައިބިން ފަދަ ކަންކަމަށް ވެސް ވަރަށް ބޮޑު ޝައގުވެރި ކަމެއް ހުންނަ ޒުވާނެކެވެ.

އިސްލާމީ ގައުމެއްގައި މި ފަހަރުގެ ވޯލްޑް ކަޕް ބާއްވާތީ ހުޅަނގުގެ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް ގަތަރުން ރޭ ސާބޮތުކޮށް ދިނީ އިސްލާމް ދީނުގެ އަގީދާގެ މަތީގައި ސާބިތުވެ ތިބޭނެކަމެވެ. ކީރިތި ޤުރުއާނުގެ ބަރަކާތުން މުބާރާތް ފެށުމަކީ ހަމަ ވަރަށް ވެސް ތާތޫހީ ކަމެކެވެ، ހަޔަ ޔަގީނުން ވެސް މުސްލިމު ދުނިޔެ އެކަން ބަލައިގަނެ އެވެ.