Last Updated: April 18, 17:55
Thursday, April 18, 2024
ޚަބަރު

ރިޒާވުގައި ފައިސާ ހުރީ މަދުން: ނަޝީދު

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ ފޮރިން ކަރެންސީ ރިޒާވުގައި ފައިސާ ހުރީ މަދުންކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން އަންނަނީ، މަޖިލީހުގެ ބަޖެޓް ކޮމިޓީން ދިރާސާކޮށް އެކުލަވައިލި ބަޖެޓް ރިޕޯޓަށް ވާހަކަ ދައްކަމުންނެވެ.

އެގޮތުން މެމްބަރު އަބްދުﷲ ޖާބިރުގެ ވާހަކައަށްފަހު ރައީސް ނަޝީދު ވިދާޅުވީ، މިވަގުތު ދައުލަތުގެ ފޮރިން ކަރެންސީ ރިޒާވުގައި ފައިސާ ހުރީ މަދުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާނެ ފައިސާ ނެތީސް، އެހެންގޮތަކަސް ވާހަކަދެއްކުމަކީ ރައްޔިތުންނަށް އޮޅުވާލެވޭ އޮޅުވާލުމެއް ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ތަނުގައި، ކުރިއަށްއޮތް ހަފުތާތަކުގައި ކުރިއަށްއޮތް މަސްތަކުގައި އަޅުގަނޑުމެންގެ ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާނެ ފައިސާ ނެތީސް އަޅުގަނޑުމެން މި މަޖިލީހުގައި އެެހެން ގޮތްގޮތަށް ވާހަކަ ދައްކަމުން ގެންދިއުމަކީ، އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް އޮޅުވައިލެވޭ ވަރަށް ބޮޑު އޮޅުވައިލުމެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައިސް ނަޝީދު ވިދާޅުވީ މިކަމަކީ އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ފާހަގަނުކޮށް ދޫކުރާނެ ކަމެއް ނޫން ކަމަށެވެ.