Last Updated: July 27, 06:33
Saturday, July 27, 2024
މުނިފޫހިފިލުވުން

އަޖޭގެ 4 ވަނަ ޑައިރެކްޝަންގެ ޕޯސްޓަރެއް

ބޮލީވުޑްގެ ތަރި އަޖޭ ދޭވްގަން ޑައިރެކްޓްކުރި ހަތަރު ވަނަ ފިލްމު "ބޯލާ" ގެ މޯޝަން ޕޯސްޓަރު މިއަދު ދައްކާލައިފި އެވެ.

ޝޫޓިން ނިންމައި މިހާރު ޕޯސްޓް ޕްރޮޑަކްޝަންގައި އޮތް ފިލްމުގެ ޓީޒާ ވެސް މާދަމާ އާންމުންނަށް ދޫކޮށްލާނެ އެވެ. "ބޯލާ" ގެ ކާސްޓްގައި ތައްބޫ އާއި ސަންޖޭ މިޝްރާ އާއި ދީޕަކް ދޮބްރިޔާލް ވެސް ހިމެނެ އެވެ. ކުރިން ވެސް އެކީގައި ކާމިޔާބު ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ އަޖޭ އާއި ތައްބޫގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "ދުރިޝަމް 2" އެވެ.

އަޖޭ ޑައިރެކްޓްކޮށް އެންމެ ފަހުން ގެނެސްދިން ފިލްމަކީ މި އަހަރުގެ އެޕްރީލްގައި ރިލީޒްކުރި އޭވިއޭޝަން ތުރިލާ "ރަންވޭ 34" އެވެ. މަޝްހޫރު ބަތަލާ ކާޖޮލްގެ ފިރިމީހާ ޑައިރެކްޝަނަށް ނުކުތީ 2008 ގެ "ޔޫ، މީ އޯރް ހަމް" އިންނެވެ. އަދި އޭގެ ފަހުން 2016 ގެ "ޝިވާއޭ" ޑައިރެކްޓްކުރި އެވެ. ޑައިރެކްޓްކުރި ހުރިހާ ފިލްމުތަކެއްގެ ވެސް ބަތަލަކީ އަޖޭ އެވެ.

އަންނަ އަހަރުގެ މާޗް 30 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "ބޯލާ" އަކީ 2019 ގެ ތަމަޅަ އެކްޝަން ތުރިލާ "ކައިތީ" ގެ ރިމޭކެވެ. ކާތީ ކުޅުނު ފިލްމު ލިޔެ، ޑައިރެކްޓްކުރީ ލޮކޭޝް ކަނަގަރާޖެވެ.