ބޮލީވުޑްގެ ތަރި ކާތިކް އާރިއަން ސޮއިކޮށްފައިވާ ޑައިރެކްޓަރު ކަބީރް ޚާންގެ ފިލްމުގައި އޭނާ ކުޅޭނީ ބޮކްސިން ތެޅުންތެރިއެއްގެ ރޯލު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނި ގޮތުގައި ނަން ހާމަނުކޮށް މިދިޔަ ޖުލައި މަހުގެ ތެރޭގައި އިއުލާންކުރި މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ "83" އާއި "އިސްތިރީ" އަދި ވެބް ސީރީޒް "ދަ ފެމިލީ މޭން" ފަދަ އުފެއްދުންތަކުގެ ޑައިލޮގްތައް ލިޔުނު ސުމިތު އަރޯރާ އެވެ. ކާތިކާއި ކަބީރްގެ ފިލްމަކީ ހަގީގޫ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ އެއްޗެކެވެ. އަދި މިއީ ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑް ހަދާނެ ފިލްމެއް ކަމަށް ކުރިން ބުނެފައިވެ އެވެ. މީގެ ޕްރޮޑިއުސަރަކީ އެތައް ފިލްމެއް ގެނެސްދީފައިވާ ސާޖިދު ނަދިއަދުވާލާ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި އަންނަ އަހަރުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ ފިލްމުގައި ކާތިކް ފެންނާނީ އޭނަ މިހާތަނަށް ފެނިފައި ނުވާހާ ވަރުގަދަ ހަށިގަނޑަކާ އެކީގަ އެވެ. އެގޮތުން ފިލްމަށް ހަށިގަނޑު ތައްޔާރުކޮށްދޭން ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތްކުރާނީ ރާހުލް ބަޓް ކަމަށް ޕިންކްވިލާ އިން ބުންޏެވެ. ރާހުލް އަކީ ބަތަލާ އާލިއާ ބަޓްގެ އެއްބަފާ ބޭބެ އެވެ. އެ ނޫހުން ބުނި ގޮތުގައި ކާތިކް މި ވަގުތު މަސައްކަތްކުރަމުން އަންނަ ފިލްމު "ސަތިއަ ޕްރޭމް ކީ ކާތާ" ގެ ޝޫޓިން ނިންމައިލުމަށް ފަހު، ކަބީރް ޚާންގެ ފިލްމަށް ތައްޔާރުވާން ފަށާނެ އެވެ.
މި އަހަރުގެ އެންމެ ހިނގި ހިންދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބޫލް ބުލައްޔާ 2" ގެ ބަތަލުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 2 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް ދޫކޮށްލާ ތުރިލާ "ފްރެޑީ" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކަބީރްގެ ފިލްމުގައި ކާތިކާ އެކީ ބަތަލާގެ ރޯލު ކުޅޭނީ ކެޓްރީނާ ކައިފެވެ. އޭނަ އަކީ ކަބީރްގެ ފެވަރިޓެވެ. ކަބީރާ އެކީ ކެޓްރީނާ މަސައްކަތްކުރި ފިލްމުތަކުގެ ތެރޭގައި "އޭކް ތަ ޓައިގާ"، "ނިއު ޔޯކް" އަދި "ފޭންޓަމް" ހިމެނެ އެވެ.
ކަބީރްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރަންވީރް ސިންގްއާ އެކީ ގެނެސްދިން ކްރިކެޓް ފިލްމު "83" އެވެ.