Last Updated: November 30, 22:44
Wednesday, November 30, 2022
ރިޕޯޓް

ގަތަރު ވޯލްޑް ކަޕް: ހުޅަނގަށް ހަޖަމެއް ނުވި

ވޯލްޑް ކަޕް ގަތަރުގައި ބާއްވަން 2010 ވަނަ އަހަރު ފީފާ އިން ނިންމި ހިސާބުން ފެށިގެން އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ގަތަރަށް ފާޑުކިޔުންތައް ދިޔައީ އަމާޒުކުރަމުންނެވެ. ވޯލްޑް ކަޕް ރޭ ފެށުނު އިރު ވެސް އެ ފާޑުކިޔުންތައް ހުރީ މީގެ 12 އަހަރު ކުރިން ވެސް ހުރި ހިސާބުގަ އެވެ. ގަތަރުން ވޯލްޑް ކަޕަށް ވެފައިވާ ފުރިހަމަ ތައްޔާރީތަކަށް ވުރެ ބޮޑަށް ހުޅަނގުގެ މީޑިއާތަކުން އަމާޒު ހިފާފާފައި ހުރީ ގަތާރައި މެދު ނުބައި ތަސައްވުރެއް ގެނެސްދިނުމަށެވެ.

ވޯލްޑް ކަޕް ފެށުމުގެ ކުރިން ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީ ވަނީ ވޯލްޑް ކަޕް ބާއްވަން ގަތަރަށް ފުރުސަތު ލިބުނު ހިސާބުން ފެށިގެން އެގައުމާ ދެކޮޅަށް މީޑިއާއިން ކެމްޕޭނެއް ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ފާޑުކިޔުންތައް ބަލައިގަނެ ކަންކަން ރަނގަޅު ވެސް ކުރި ކަމަށާއި ނަމަވެސް މިއީ ހަގީގަތުގައި ވެސް ގަތަރުގައި ހުރި މައްސަލަތައް ރަނގަޅު ކުރުމުގެ ނިޔަތުގައި ފަށާފައިވާ ކެމްޕޭނެއް ކަމާމެދު ސުވާލު އުފެދޭ ހިސާބަށް ކަންކަން އެންމެފަހުން ދިޔަ ކަމަށް އަމީރު ވިދާޅުވި އެވެ.

ވޯލްޑް ކަޕް މިހާތަނަށް ބޭއްވި ގައުމަކާ ދިމާލަށް ނުކިޔާހާ އެއްޗެހި ގަތަރަށް ހުޅަނގުން ކިޔަމުންދާއިރު މީގެ ހަތަރު އަހަރު ކުރިން ރަޝިއާގައި ވޯލްޑް ކަޕް ބޭއްވިއިރު ހުޅަނގުގެ މީޑިއާތަކުން ވޯލްޑް ކަޕްގެ ކަވަރޭޖް ގެނެސްދިނީ ވަރަށް ވެސް ޕޮޒިޓިވް ގޮތަކަށެވެ. ރަޝިއާ އިން ވޯލްޑް ކަޕް ބޭއްވުމުގެ ހަތަރު އަހަރު ކުރިން އެތައް ބަޔަކު މަރާލުމަށްފަހު ޔުކްރޭނުގެ ކްރައިމިއާ އަށް ވެރިގެންފައިވާއިރު އެގައުމުން ދިޔައީ ސީރިޔާ އަށް ހަމަލާތައް ވެސް ދެމުންނެވެ. އަދި ނޫސްވެރިންނާއި ތަފާތު އެކްޓިވިސްޓުން ދިޔައީ ޖަލަށްލަމުންނެވެ.

ނަމަވެސް ރަޝިއާގައި ވޯލްޑް ކަޕް ބޭއްވިއިރު ހުޅަނގުގެ މީޑިއާތަކަށް މި ވާހަކަ ދައްކާލާނެ ހިތްވަރެއް ނެތެވެ. ގަތަރުގައި އިންސާނީ ހައްގުތައް ނެތް ކަމަށް ބުނެ ދައްކާ ވާހަކަތައް މީގެ ހަތަރު އަހަރު ކުރިން ރަޝިއާގައި ވޯލްޑް ކަޕް ބޭއްވިއިރު ދައްކާނެ ހިތްވަރެއް ވެސް ނެތެވެ. ގަތަރުގައި ވޯލްޑް ކަޕް ބާއްވާތީ ކިޔާ ފާޑުކިޔުންތަކުގެ ނިޔަތާއި މެދު ސުވާލު އުފެދެނީ މިހެންވެ އެވެ.

ރަޝިއާ އެކަންޏެއް ނޫނެވެ. ގަތަރަށް ފާޑުކިޔާ ހުޅަނގުގެ ގައުމުތަކުގެ ހާލަތު ހުރީ ގާތްގަނޑަކަށް މި ދަރަޖައިގަ އެވެ. އިންސާނީ ހައްގުތައް ގަތަރުގައި ނެތް ކަމަށް ބުނެ ވާހަކަ ދައްކާ ބައެއް ހުޅަނގުގެ ގައުމުތަކުގައި މުސްލިމުންނަށް ބޭރުތެރޭގައި އުޅޭއިރު މޫނު ބުރުގާ އެޅުން ވެސް އޮންނަނީ މަނާކޮށްފަ އެވެ. ނަމަވެސް ގަތަރަށް ފިލާވަޅުދޭން މި ގައުމުތައް ތިބީ އެންމެ ކުރީ ސަފަށް ނިކުމެ އެވެ.

ކޮންމެ ގައުމެއްގައި ވެސް މައްސަލަތައް ހުންނަ އުސޫލުން ގަތަރުގައި ވެސް ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ ގަތަރުން ވެސް ގަބޫލުކުރާ ކަމެކެވެ. ނަމަވެސް ގަތަރުގެ ސަގާފަތާއި ދީނީ ގޮތުން އަދި އެގައުމުގެ ގާނޫނުން މަނާކުރާ ކަންކަން ވޯލްޑް ކަޕަށްޓަކާ ހުއްދައެއް ނުކުރެވޭނެ އެވެ. އެ އުސޫލުތަކާއި ގާނޫނުތަކަށް ވޯލްޑް ކަޕްގައި ބައިވެރިވާ ޓީމުތަކުން އަދި ވޯލްޑް ކަޕް ބަލަން ގަތަރަށް އަންނަ ފަރާތްތަކުން ވެސް އިހުތިރާމް ކުރަންޖެހެ އެވެ.