އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ފޭދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި އެވެ.
އިންޑިއާގެ އެފްކޮންސް ކުންފުނިން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން ފޭދޫގެ މަގުތަކުގެ ތެރެއިން ތާރު އެޅުމަށް މިހާތަނަށް ތައްޔާރު ކުރެވިފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ފަށާފައިވާކަން ހައުސިން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އައްޑޫ ޕޮރޮޖެކްޓް މެނޭޖްމެންޓް ޔުނިޓުގެ ހެޑް އަބްދުﷲ ސޯދިޤް (ސޯބެ) "އައްޑޫ ލައިވް" އަށް ވިދާޅުވީ ފޭދޫގައި މިވަގުތު ތާރު އެޅުމަށް ދެ މަގެއް ތައްޔާރު ކުރެވިފައިވާ ކަމަށެވެ. އެގޮތުން މިއަދު އެއް މަގުގެ މަސައްކަތް ފެށިފައިވާއިރު މަގުގެ އެއްބައިގައި ތާރު އަޅައި ނިންމާނެ ކަމަށް ވިދާޅުވި އެވެ. އަދި މަގުގެ އަނެއް ބައިގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން ތާރު އަޅައި ނިންމާނެ ކަމަށް ވިދާޅުވި އެވެ.
ފޭދޫގައި ތާރު އަޅަން ފެށި އިރު، މީގެ ކުރިން ފޭދޫގެ ބޮޑު މަގަކީ ތާރު އަޅައިގެން ހަދާފައިވާ މަގެކެވެ. އަދި މިހާރު ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން އެ އަވަށުގެ ބައެއް މަގުތަކުގައި ވަނީ ގާ އަތުރައިފަ އެވެ. ފޭދޫގައި 6.6 ކިލޯމީޓަރުގެ މަގު ރަނގަޅު ފެންވަރަކަށް ހެދުމަށް ހަމަޖެހިފައިވެ އެވެ.
އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން އައްޑޫގެ ހުރިހާ އަވަށެއްގައި ވެސް މަސައްކަތް މިހާރު އޮތީ ފެށިފަ އެވެ.
Raajjeygai hingey Enme biya mashroou thakuge thereygai AdduCity gai hingey mashroou thah himeney! Miadhu ekiyaa “bangroot vanee ey” lava akee Mifadha mashroou thakun Mulhi Raajje ah genevey badhalu Hajam nuvumun Sarukaaru balikashi kollan Kiyaa lava eh! Project eh nuhuttuveyne!
— Feydhoo Meehaa (Mohamed Nihad) (@nihad_m) November 22, 2022
އައްޑޫގެ ކުރީގެ މޭޔަރު ސޯބެ ވިދާޅުވީ ހިތަދޫގައި ވެސް ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިހާރު މަސައްކަތް ކުރިއަށް ނުގޮސް އޮތީ ބައެއް މަގުތަކުގައި ނަރުދަމަ އާއި ފެން ހޮޅި ލެވެލް ނުކުރެވޭތީ ކަމަށެވެ. އަދި އެ މަސައްކަތް ފެނަކައިން ނިންމިހާ އަވަހަށް އެކަން ކުރިއަށް ގެންދެވޭނެ ކަމަށް ސޯބެ ވިދާޅުވި އެވެ.
އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން އައްޑޫގެ 106 ކިލޯމީޓަރުގެ މަގު ރަނގަޅު ފެންވަރަކަށް ހެދުމަށް ހަމަޖެހިފައިވެ އެވެ. އެފްކޮންސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުގެ އިތުރުން އިންޑިއާގެ ޖީކޭޑީ ކުންފުންޏާއި ހަވާލުކޮށްގެން ވެސް ބައެއް މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދެ އެވެ.