Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

އައްޑޫ މަގުތައް ފެހިކުރަން އެއްބަސްވުމަކަށް

އައްޑޫސިޓީ ކައުންސިލާއި މިއާންޒް އާއި ދެމެދު އެއްބަސްވުމަކަށް / ފޮޓޯ: އައްޑޫސިޓީ ކައުންިސލް

އައްޑޫގެ މަގުތަށް ފެހި ކުރުމަށް މައި ކޮލެޖާއި އައްޑޫ ސިޓީ ކައުންސިލާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަަސްވުމުގައި ކައުންސިލުގެ ފަރާތުން މޭޔަރު އަލީ ނިޒާރު ސޮއިކުރެއްވި އިރު، މިއާންޒް އިންޓަނޭޝަނަލް ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ، އެ ކޮލެޖުގެ ސީއީއޯ މުހައްމަދު ހަލީމެވެ.

މައި ކޮލެޖާ އެކު އައްޑޫ ކައުންސިލުންވި އެއްބަސްވުމުގެ ދަށުން، އައްޑޫގެ މަގުތައް ފެހިކުރުމަށް ވަނީ އެއްބަސްވެފަ އެވެ. މިއާ އެކު އައްޑޫގައި އެކި ބޭނުންތަކަށް ބޭނުންވާ ގަސް ހައްދަން އެގްރިކަލްޗަރަލް ނާސަރީއެއް ހެދުމަށް ވަނީ ނިންމައިފަ އެވެ.

އައްޑޫގެ މަގުތަށް ފެހި ކުރުމުގެ މަސައްކަތް ކައުންސިލުން ފަށާފައި ވާއިރު، މީގެ ކުރީން އައްޑޫގެ ލިންކް ރޯޑުގައި ހުރި ރުއްތަކެއް ސިޓީ ކައުންސިލުން ވަނީ ކަނޑާލައިފަ އެވެ. އޭރު ސިޓީ ކައުންސިލުން ބުނެފައި ވަނީ އެ ރުއްތަކުގެ ބަދަލުގައި މަގުމަތީގައި ހައްދާ ބާވަތުގެ ގަސް ޖަހާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަމުގެ މަސައްކަތެއް ކުރިއަށް ގޮސްފައެއް ނުވެ އެވެ.

މައި ކޮލެޖުގެ ފަރާތުން އައްޑޫގެ މަގުތައް ފެހި ކުރުމަށް ސިޓީ ކައުންސިލާއި އެކު މަސައްކަތް ފަށާފައިވާއިރު، އެ ކޮލެޖުން ދަނީ އައްޑޫގައި އެގްރިކަލްޗަ ދަސްކޮށްދިނުމުގެ ކޯހެއް ތައާރަފުކޮށް ކިޔަވައި ދެމުންނެވެ. އަދި ކޮލެޖުގައި ބޮޓެނީ ގާޑެން އެއްވެސް ގެންދަނީ ބަލަހައްޓަމުންނެވެ.