Last Updated: May 11, 21:55
Sunday, May 11, 2025
ޚަބަރު

ބަސްތަކުގައި ބޭއަދަބީ އެއްޗެހި ނުލިޔަން އެދިއްޖެ

އައްޑޫގައި އާރްޓީއެލްގެ ބަހެއް.

އެމްޓީސީސީން ދެމުން އަންނަ އާންމު ދަތުރުފަތުރުގެ ހިދުމަތުގައި ބޭނުންކުރާ ބަސްތަކާއި ފެރީތަކުގެ ސީޓްތަކުގައި ބައެއް މީހުން ބޭދައަބީ ލިޔުންތަކާއި ކުރެހުންތައް ކުރަހާތީ އެފަދަ ކަންކަން ނުކުރަން އެ ކުންފުނިން އިލްތިމާސްކޮށްފި އެވެ.

އެމްޓީސީސީން މިކަމަށް އިލްތިމާސްކުރީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގައި ބޭނުންކުރާ ބަހެއްގެ ސީޓްތަކެއްގެ ލެނގޭ ތަނުގެ ފަހަތުގައި ބޭއަދަބީ ކުރެހުންތަކާއި ލިޔުންތަކެއް ހުރި ފޮޓޯތަކެއް ވެސް މިދިޔަ ހަފުތާގެ ތެރޭގައި ސޯޝަލް މީޑިއާގައި ދައުރުވެފައި ވަނިކޮށެވެ.

އެ ކުންފުނިން ނެރުނު ކުރު ބަޔާނެއްގައި ބުނީ ބަހާއި ފެރީތަކަކީ އެކި އުމުރުގެ މީހުން ބޭނުންކުރާ ހިދުމަތްތަކަކަށްވެފައި، މަދު ބައެއްގެ ފަރާތުން ފެންނަ ނާތަހުޒީ އަމަލުން ހިދުމަތް ހޯދާ މީހުންނަށް ނޭދެވޭ އަސަރުކުރަމުންދާ ކަމަށެވެ.

"[އެހެންވެ] މިފަދަ އަމަލުތަކުން ދުރުހެލިވުމަށް ނަސޭހަތްތެރިވެ، އިލްތިމާސްކުރަމެވެ." އެމްޓީސީސީން ބުންޏެވެ.

އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަހާއި ފެރީތައް ސާފުތާހިރުކޮށް އަދި ނަލަކޮށް ބެހެއްޓުމަށް އެންމެންގެ އެހީތެރިކަން އިންތިހާ އަށް ބޭނުންވާ ކަމަށެވެ.