އަލްޒެއިމާ ބަލީގެ އަލާމާތްތަކެއް ފެންނަން ފެށުމާ ގުޅިގެން ފަރުވާއަށްޓަކައި ހޮލީވުޑްގެ ތަރި ކްރިސް ހެމްސްވޯތު އެކްޓިން އިން ބްރޭކެއް ނަގަން ނިންމައިފި އެވެ.
މާވެލްގެ މަގުބޫލު "ތޯ" ގެ ކެރެކްޓާ ކުޅޭ އޮސްޓްރޭލިއާ އަށް އުފަން 39 އަހަރުގެ އެކްޓަރު ވެނިޓީ ފެއާ އަށް ބުނީ ސިއްހަތާ މެދު ވަރަށް ކަންބޮޑުވާ ކަމަށާއި މިހާރު އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ކަމަށެވެ. ކްރިސް ބުނި ގޮތުގައި ޑިމެންޝިއާ ނުވަތަ ހަނދާން ނެތޭ ބަލީގެ އެންމެ އާންމު ވައްތަރު ކަމަށްވާ އަލްޒެއިމާގެ އަލާމާތްތަކެއް ފާހަގަކުރެވުނީ ޑިޒްނީ ޕްލަސްގެ ޑޮކިއުމަންޓަރީއެއްގެ މަސައްކަތް ނިންމައިލުމަށް ފަހު ހެދި ޗެކަޕްތަކެއްގެ ތެރޭގަ އެވެ.
މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ނެޓްފްލިކްސް "އެކްސްޓްރެކްޝަން" ގެ ތަރި ބުނީ އަލްޒެއިމާ އިން ސަލާމަތްވުމަށްޓަކައި އެކްޓިންއާ ވަގުތީ ގޮތުން ދުރަށް ޖެހުމަކީ މި ވަގުތަށ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
"މިކަމުން އަރައިގަތުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަހަރެން ކުރާނަން." ކާފަ އަކީ ވެސް އަލްޒެއިމާ ބަލީގެ މީހެއްކަން ފާހަގަކޮށް ކްރިސް ބުންޏެވެ.
ކާމިޔާބު އެކްޓަރު ބުނި ގޮތުގައި މަސައްކަތްތަކުން ރަސްމީކޮށް ބްރޭކެއް ނަގާނީ ޑިޒްނީ ޕްލަސް އާއި ނެޝަނަލް ޖޯގްރަފީގެ "ލިމިޓްލެސް" ގެ ޕްރޮމޯޝަނަލް ޓުއާ އާއި ސޮއިކޮށްފައި ހުރި އިތުރު މަސައްކަތްތައް ނިންމުމަށް ފަހު އެވެ.
ކްރިސްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "އެކްސްޓްރެކްޝަން 2" އާއި 2015 ގެ "މޭޑް މެކްސް: ފިއުރީ ރޯޑް" ގެ ސްޕިންއޮފް/ޕްރީކްއެލް "ފިއުރިއޯސާ" ހިމެނެ އެވެ.