ގަތަރުގައި މިހާރު ކުރިއަށްދާ މި އަހަރުގެ ވޯލްޑަ ކަޕަކީ ފިކުރީ އިސްތިޢުމާރުގެ ނިމުމުގެ ފެށުން ކަމަށް ވެދާނެ ކަމަށް ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ހުޅަނގުގެ ފިއްތުންތަކާ އެކީ ވެސް އިސްލާމް ދީން ނެގެހެއްޓުމަށް ގަތަރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް ޝަހީމް މިއަދު ޤުރުއާންގެ އާޔަތާ އެކީ ވެސް އެކީ ޓްވިޓާގައި ވިދާޅުވީ ގަތަރަކީ މުސްލިމު ގައުމަކަށްވުމުން އެ ގައުމާ ދެކޮޅަށް ހުޅަނގުން ގެންގުޅެމުންދާ ނިފާގު މުޅި ދުނިޔެ އަށް ހާމަވަމުން އަންނަ ކަމަށެވެ.
"ގަތަރުގެ ވެރިންނާއި ރައްޔިތުންނަށް މާތް ﷲ ސާބިތުކަން މިންވަރުކުރައްވާށި. އާމިން." އޭނާ ވިދާޅުވި އެވެ.
ވޯލްޑް ކަޕް 2022 އަކީ ފިކުރީ އިސްތިޢުމާރުގެ ނިމުމުގެ ފެށުން ކަމުގައި ވެދާނެ. ޤަޠަރަކީ މުސްލިމު ޤައުމަކަށް ވުމުން ޤަޠަރާ ދެކޮޅަށް ހުޅަނގުން ގެންގުޅެމުންދާ ނިފާޤު މުޅި ދުނިޔެއަށް ދަނީ ހާމަވަމުން. ޤަޠަރުގެ ވެރިންނާއި ރައްޔިތުންނަށް މާތް ﷲ ސާބިތުކަން މިންވަރުކުރައްވާށި. އާމިން. pic.twitter.com/iZV9prxuo4
— Mohamed Shaheem Ali Saeed (@Mohamedshaheem1) November 22, 2022
މެދުއިރުމަތީގެ ގައުމެއްގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ބޭއްވުމުގެ ޝަރަފު ގަތަރުން ހޯދި އިރު، ހުޅަނގުން ދަނީ އެ މީހުންގެ ގައުމުތަކުގައި އާންމު ކުރަމުންދާ އިސްލާމް ދީންގައި ހަރާންކޮށްފައިވާ ބޮޑެތި ފާފަތަކަށް ފުރުސަތު ނުދޭތީ، އެކަމާ ގުޅުވައިގެން ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ހާއްސަކޮށް މިހާރު ހުޅަނގުގެ ގައުމުތަކުގައި އިންސާނީ ހައްގެއްގެ ގޮތުގައި ފަތުރަމުންދާ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ހައްގުތަކަށް ގަތަރު އަރައިގަތުމުގެ ވާހަކަ އަކީ ހުޅަނގުގެ މީޑިއާތަކުގައި މިހާރު އެންމެ ހޫނުކޮށް ދެކެވޭ ވާހަކަ އެވެ.
ނަމަވެސް ގަތަރުން ކެރުންތެރިކަމާ އެކީ ސާބިތުކޮށް ދެމުން އަންނަނީ އިސްލާމް ދީންގައި ހުއްދަ ނޫން ކަންކަމަށް ޖާގައެއް އެ ގައުމުގައި ނޯންނާނެ ކަމެވެ. މި ފަހަރުގެ ވޯލްޑް ކަޕަކީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ޤުރުއާންގެ ބަރަކާތުން ފެށި މުބާރާތް ވެސް މެ އެވެ.
މިދިޔަ އާދީއްތަ ދުވަހު ފެށި ވޯލްޑް ކަޕް އަންނަ މަހުގެ 18 އާ ހަމައަށް ކުރިއަށް ދާނެ އެވެ.