އަންނަ އަހަރުން ފެށިގެން ޓެކްސް ބޮޑުކުރަން ނިންމައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އެ ތަސްދީކުރެއްވުމާ ގުޅިގެން މިއަދު ވަނީ ސަރުކާރުގެ ގެޒެޓްގައި ވެސް ޝާއިއުކޮށްފަ އެވެ.
ޓެކްހަށް އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ގެންނަން ނިންމި ބަދަލާ އެކީ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް، އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުވާނެ އެވެ. ސަރުކާން ބުނެފައިވާ ގޮތުގައި ޓެކްހުގެ ގާނޫނަށް ގެނައި މި އިސްލާހު މައިގަނޑު ބޭނުމަކީ ދައުލަތުގެ ހަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގުތިސާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމެވެ.
މި އިސްލާހު މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 31 އެވެ.
ޓެކްސް ބޮޑުކުރާ ބިލް ތަސްދީގުކޮށްފައި ވަނީ އެކަމާ ދެކޮޅަށް ސަރުކާރު ހިންގާ އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި އިދިކޮޅި މެމްބަރުން ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައި ވަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ފަޅީގައި ތިއްބެވި މަޖިލިސް މެމްބަރުން ޓެކްސް ބޮޑުކުރާތީ ރައީސް ސޯލިހާއި ސަރުކާރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެ އެވެ.