Last Updated: April 20, 09:47
Saturday, April 20, 2024
ޚަބަރު

ލަންކާ ވިސާ އަށް ލުއި ހޯދަން މަޝްވަރާކޮށްފި

ސްރީ ލަންކާގައި ކިޔަވާ ދިވެހި ދަރިވަރުންނާއި އެ މީހުންގެ ބެލެނިވެރިންނަށް ވިސާގެ ލުއިތަކެއް ހޯދުމާ ބެހޭ ގޮތުން މަޝްވަރާތަކެއްކޮށްފި އެވެ.

މި މަޝްވަރާކުރެވީ ލަންކާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު އާދަމް މަޒްރަވީ ޖައުފަރު ސާދިގު، ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގަ އެވެ. ރައީސް އޮފީހުން ބުނީ އެ ދެ ބޭފުޅުން ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައި ދިވެހި ދަރިވަރުންނާއި އާއިލާތަކަށް ވިސާގެ ލުއިތައް ދިނުމާ ގުޅޭ ގޮތުން ލަންކާ ސަރުކާރުން ވިސްނަވާނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށް ނައިބު ރައީސް ވިދާޅުވި ކަމަށެވެ.

ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި، މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، އިގުތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް އެއް ގައުމުން އަނެއް ގައުމަށް އެހީވުން ހިމެނެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ފަންނީ ދާއިރާތަކުން މައުލޫމާތާއި ތަޖުރިބާ ބަދަލު ކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވި އެވެ.

ފައިސަލް ވަނީ ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް، ޒަމާންވީ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ލަންކާ ސަރުކާރުން ރާއްޖެ އަށް މެދުކެނޑުމެއްނެތި ވެދެއްވަމުން ގެންދަވާ އެހީތަކާއި އެއްބާރުލުމަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ވެސް ބަދަހި ގުޅުމެއް އޮތްކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

ރާއްޖެ އާއި ލަންކާ އިން ސިޔާސީ ގުޅުން ގާއިމުކުރީ 1965 ގަ އެވެ.