ބޮލީވުޑްގެ ތަރި އަޖޭ ދޭވްގަން ޑައިރެކްޓްކޮށް، ކުޅުނު ހަތަރު ވަނަ ފިލްމު "ބޯލާ" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.
މި ފިލްމަކީ 2019 ތަމަޅަ އެކްޝަން ތުރިލާ "ކައިތީ" ގެ ރިމޭކެކެވެ. ކާތީ ކުޅުނު ފިލްމު ލިޔެ، ޑައިރެކްޓްކުރީ ލޮކޭޝް ކަނަގަރާޖެވެ. އަޖޭގެ "ބޯލާ" ހަދާފައި ވަނީ އޭނަގެ އަމިއްލަ ފިލްމު ކުންފުނީ އޭޑީ ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒްގެ އިތުރުން ރިލަޔަންސް އެންޓައިންމަންޓް ގުޅިގެންނެވެ.
ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު "ކައިތީ" އަކީ 10 އަހަރުގެ "ޔަތީމު" އަންހެން ކުއްޖަކާއި އެ ކުއްޖާގެ ސަލާމަތަށް މަސައްކަތްކުރާ ގައިދީއަކާ އޮންނަ ގުޅުން ވަރަށް ޝައުގުވެރިކޮށް ކިޔައިދިން ފިލްމެކެވެ. އެގޮތުން މި ފިލްމުގެ އެންމެ ބޮޑު ތަފާތަކީ އާންމުކޮށް އިންޑިއާގެ ފިލްމުތަކުން ފެންނަ ލޯބީގެ އެއްވެސް ކަހަލަ ކުޅިވަރެއް ފިލްމުން ފެނިގެން ނުދިއުމެވެ.
އެހެންވެ އަޖޭ "ބޯލާ" ގެނެސްދޭ އިރު، އޮރިޖިނަލް ފިލްމުން ގެނެސްދިން އަސްލު ރަހަ އެއަށް ވުރެ ހެޔޮވަރުކޮށް ގެނެސްދޭނެ ކަމަށް ގަބޫލުކުރެވެ އެވެ. އަދި މީގެ ރޯލެއް ތައްބޫ ކުޅެފައިވެ އެވެ. އަޖޭ އާއި ތައްބޫ އަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި މިހާރު ވެސް ސުޕަ ހިޓެއްގެ ދަރަޖަ ހޯދާފައިވާ "ދުރިޝަމް 2" ގެ މައިގަނޑު ތަރިންނެވެ. "ބޯލާ" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މާޗް 30 ގަ އެވެ.
އަޖޭގެ އެންމެ ފަހުގެ ޑައިރެކްޝަނަކީ މި އަހަރުގެ އެޕްރީލްގައި ގެނެސްދިން "ރަންވޭ 34" އެވެ.