Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ފޭދޫ ޓޫރިސްޓް ބީޗް ސަރަހައްދު ބަލައިފި

އައްޑޫގެ ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންނަށް ހާއްސަކޮށްގެން ފޭދޫގައި ހަދާ ބީޗް ސަރަހައްދުގެ މަސައްކަތް ކުރިއަށްދާ ގޮތް ކައުންސިލުން ބަލައިފި އެވެ.

އެގޮތުން ކައުންސިލް މެމްބަރުންނާއި މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދާއި އައްޑޫގައި ހުންނަވާ ޕްލޭނިން މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އިބްރާހީމް ޝިޔާޒްގެ އިތުރުން ފޭދޫގައި ގެސްޓް ހައުސްއެއް ހިންގާ އިބްރާހީމް ރަޝީދު (ވިމްލާ) ބީޗް ސަރަހައްދު ބަލާފައިވެ އެވެ.

ފޭދޫގައި ޓޫރިސްޓް ބީޗް ހަދަނީ ފޭދޫ ހިއްކި އިރު އެ ރަށުގެ ބައެއްގެ ގޮތުގައި މިހާރު އޮތް ދިގިހެރައިގެ ފުއްޓަރު ފަރާތުންނެވެ. އަދި އެ ބީޗް ބޭނުން ކުރެވޭނީ ވެސް ހަމައެކަނި ޓޫރިސްޓުންނަށެވެ.

މި ބީޗްގެ އިތުރަށް ޓޫރިސްޓުންނަށް ހާއްސަކޮށްގެން ހިތަދޫ ރުއްޖެހެރަ ކުނިކޮށި ސަރަހައްދާ ދިމާލުން ވަގުތީ ބީޗެއް ހަދަން ނިންމާފައިވެ އެވެ. ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ކައުންސިލަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން ދެ ދިމާއެއްގައި ޓޫރިސްޓް ބީޗްތަކެއް ހަދަން ކައުންސިލުން ނިންމީ މިދިޔަ މަހުގެ 12 ގައި ބޭއްވި ކައުންސިލްގެ ބައްދަލުވުމުގަ އެވެ.

އޭރު ނިންމީ ވީހާ ވެސް އަވަހަކަށް އެ ބީޗްތައް ނިންމުމަށެވެ.

އައްޑޫގައި ޓޫރިސްޓުން އެރޭނެ ބީޗް ނެތުމަކީ ގެސްޓް ހައުސް ހިންގާ މީހުންގެ އެންމެ ބޮޑު އެއް ޝަކުވާ އެވެ.