Last Updated: November 30, 22:44
Wednesday, November 30, 2022
މުނިފޫހިފިލުވުން

ކާތިކްގެ "ޝެހެޒާދާ" ގެ ދައްކައިލުމެއް

ބޮލީވުޑްގެ ތަރި ކާތިކް އާރިއަން އަށް މިއަދު 32 އަހަރު ފުރުމާ ދިމާކޮށް އޭނަގެ ފިލްމު "ޝެހެޒާދާ" ގެ ޓީޒާއެއް ހަދިޔާއެއްގެ ގޮތުގައި ފޭނުންނަށް ދޫކޮށްލައިފި އެވެ.

ކުރިން މި މަހު ރިލީޒްކުރާ ގޮތަށް އޮއްވައި އަންނަ އަހަރުގެ ފެބްރުއަރީ 10 އަށް ފަސްކޮށްފައިވާ މި ފިލްމަކީ އެކްޓަރު ވަރޫން ދަވަންގެ ބޭބެ ރޯހިތު ދަވަންގެ ތިން ވަނަ ޑައިރެކްޝަނެވެ. ދެހާސް އެގާރައިގެ "ދޭސީ ބޯއިސް" އިން ޑައިރެކްޝަނަށް ނުކުތް ރޯހިތު އެންމެ ފަހުން ގެނެސްދިނީ ވަރޫން އާއި ޖޯން އަބްރަހަމް ކުޅުނު 2016 ގެ "ޑިޝޫމް" އެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކޮށްފައިވާ "ޝެހެޒާދާ" އަކީ މިދިޔަ އަހަރުގެ ތެލެގޫ ބޮޑު ހިޓް "ޕުޝްޕާ" ގެ ބަތަލު އައްލޫ އަރުޖުންގެ 2020 ގެ ކާމިޔާބު އެކްޝަން ފިލްމު "އަލާ ވައިކުންތަޕުއްރަމުލޫ" ގެ ރިމޭކެކެވެ. ކާތިކާ އެކީ ފިލްމުގެ ބަތަލާގެ ރޯލު ކުޅެފައި ވަނީ ކްރިތީ ސެނަން އެވެ. އެއީ 2019 ގެ "ލުކާ ޗުއްޕީ" އަށް ފަހު މި ޖޯޑް އެކީގައި ފެންނާނެ ދެވަނަ ފިލްމެވެ.

"ޝެހެޒާދާ" ކާސްޓްގައި މަނީޝާ ކޮއިރަލާ އާއި ޕަރޭޝް ރާވަލް އަދި ރޯނިތު ރޯއި ވެސް ހިމެނެ އެވެ.

މި އަހަރުގެ އެންމެ ހިނގި ހިންދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބޫލް ބުލައްޔާ 2" ގެ ބަތަލުގެ ކާތިކްގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 2 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް ދޫކޮށްލާ ތުރިލާ "ފްރެޑީ" އެވެ.