Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

އެޗްޑީސީން މާސްޓަކާޑާ އެކީ އެއްބަސްވުމަކަށް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ޕޭމަންޓް އިންޑަސްޓްރީގެ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ މާސްޓަރކާޑާއި އެކު މެމަރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެޗްޑީސީން ބުނީ މި އެއްބަސްވުމުގެ ސަބަބުން މާސްޓަރކާޑުގެ ސިޓީ ޕޮސިބަލް ނެޓުވޯކުގެ މެމްބަރޝިޕް އެޗް.ޑީ.ސީއަށް ލިބޭނެ ކަމަށެވެ. ސިޓީ ޕޮސިބަލްއަކީ ދުނިޔޭގެ އެކި ސިޓީތަކާއި، ވިޔަފާރިތަކާއި، ތަޢުލީމީ ދާއިރާ އަދި ކޮމިއުނިޓީތައް އެކުވެގެން ދެމެހެއްޓެނިވި އަދި އުފެއްދުންތެރި އުމްރާނީ ތަރައްގީ ގެނައުމަށް އެކުލަވާލެވިފައިވާ ވިއުގައެކެވެ.

މީގެ ތިން އަހަރު ކުރިން އުފެދިގެންއައި މި ނެޓުވޯކުގައި މިހާރު 50 ގައުމުގެ މައްޗަށް އެކުލެވޭހެން 300 އަށް ވުރެ ގިނަ ސިޓީއާއި 600 އަށް ވުރެ ގިނަ ކޮމިއުނިޓީތައް ހިމެނެ އެެވެ. ސިޓީތަކަށް ދެމެހެއްޓެނިވި އިޖުތިމާއީ އަދި އިގުތިސާދީ ތަރަށްގީ ފުރިހަމަ ގޮތުގައި ގެނައުމަށް މި ނެޓްވޯކުގައި ހިމެނޭ ފަރާތްތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދެ އެވެ.

މި ނެޓުވޯކުގެ މެމްބަރަކަށް ވުމުން، އެޗް.ޑީ.ސީން ކުރިއަށްގެންދާ ސްމާޓް ސިޓީ މަޝްރޫއަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ އެވެ.

މިގޮތުން އެހެން ސިޓީތަކުގައި ބޭނުން ކުރަމުން އަންނަ ތަފާތު ސްމާޓް ސޮލިއުޝަންތަކާ ބެހޭ ތަޖުރިބާކާރު މައުލޫމާތާއި އެފަދަ ސޮލިއުޝަންތައް ރާއްޖޭގައި އަދި ހުޅުމާލެ ފަދަ ސިޓީއެއްގައި އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރާނެ ގޮތްތައް އެގިގެން ދާނެ އެވެ. އަދި ހުޅުމާލެ ތަރައްގީ ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތައް ދެނެގަނެވި ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް މަގުފައިވެގެންދާނެކަމުގައި އެޗްޑީސީ އިން ބުނެއެވެ.