Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

ޖީއެސްޓީ ބަދަލު ތަންފީޒުކުރަން މީރާގެ އިރުޝާދު ވިޔަފާރިތަކަށް

މީރާގެ ޚިދްމަތް ދިނުން- ފޮޓޯ: މީރާ

މުދަލާއި ޙިދުމަތުން ޓެކްސް ނެގުމުގެ ޤާނޫނު ރައީސުލް ޖުމުހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިޙް ތަސްދީޤް ކުރެއްވުމާއި އެކު، ވިޔަފާރި ތަކުން ޓެކްސް ނަގަން ފަށާނެ ގޮތް މީރާއިން އަންގައިފިއެވެ.

ސަރުކާރުން މުދަލާއި ޙިދުމަތަށް ބަދަލު ގެންނަން ނިންމައި މަޖިލީސް މެދުވެރިކޮށް ޤާނޫނު އިސްލާހުކޮށްފައިވާއިރު، އާންމު ވިޔަފާރިތަކުން ނަގަމުން އައި %6 އިން %8 ވަނީ އިތުރުކޮށްފައެވެ. އަދި ޓޫރިޒަމް ވިޔަފާރިތަކުން ނަގަމުން އައި ޓީ.ޖީއެސްޓީ %12 އިން %16 އަށް ވަނީ އިތުރުކޮށްފައެވެ. މިބަދަލުތައް ތަންފީޒު ވަނީ އަންނަ އަހަރުން ފެށިގެންނެވެ.

މީރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މުދަލާއި ޙިދުމަތުން ނަގާ ޓެކްސް އަންނަ އަހަރު ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބަދަލުތަކެއް އަންނައިރު ވިޔަފާރިތަކުން ޓެކްސް ނަގަން ފަށާނީ އެއްވަނަ ދުވަހު ވިޔަފާރި ފަށާ ގަޑިއަކުން ފެށިގެންނެވެ. މިއީ 24 ގަޑިއިރު، ޙިދުމަތް ނުދޭ ވިޔަފާރިތަކުން އަމަލު ކުރަން ޖެހޭ ގޮތެވެ.

މީރާއިން ދިން އިރުޝާދަށް ބަލާއިރު، 24 ގަޑިއިރު ޙިދުމަތް ދޭ ވިޔަފާރިތަކުން އަގުތަކަށް ބަދަލު ގެންނާނީ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު 00:00 އަށް ފަހުގައެވެ.

މި ބަދަލާއި މެދު އިދިކޮޅު ފަރާތްތަކުން ކަނބޮޑުވުން ފާޅުކޮށްފައިވާއިރު، ސަރުކާރުން ބުނަނީ މިއީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މިހާރު ކުރަން ލާޒިމް ކަމެއް ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލިގެން ގޮސްފައިވާއިރު ސަރުކާރުން ބުނަނީ އާމްދަނީ އިތުރު ނުކުރެވި ދައުލަތަށް މިހާރު ކުރަމުންދާ ޙަރަދުތައް ނުދެމެހެއްޓޭނެ ކަމަށެވެ.