Last Updated: October 4, 22:10
Wednesday, October 4, 2023
ދީން

ގަތަރަށް ދާ އެތައް ބަޔަކު އިސްލާމް ވަނީ

މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕް ބަލަން އެކި ގައުމުތަކުން ދާ ޢައިރު މުސްލިމުން އިސްލާމް ދީނަށް ވަންނަމުން އަންނަ ކަމަށް ބައެއް މީޑިއާތަކުން ބުނެފި އެވެ.

ޓްވިޓާ ފަދަ ޕްލެޓްފޯމްތަކުގައި ދީނީ ދައުވަތު ދިނުމާއި ދީނީ މައުލޫމާތު ފަތުރާ ބައެއް މީހުން ވެސް އެފަދަ ވާހަކަތަކެއް އަންނަނީ ހިއްސާކުރަމުންނެވެ. އެގޮތުން މާޖިދު ފްރީމަން ކިޔާ މީހަކު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ގަތަރަށް ދިޔަ 500 އަށް ވުރެ ގިނަ މީހުން އިސްލާމް ދީން ގަބޫލުކޮށްފައިވާ ކަމަށެވެ.

އޭނަ އެ ވާހަކަ ހިއްސާކުރީ މެކްސިކޯގެ ޒުވާނަކަށް ޝެއިހަކު ޝަހާދަތް ލައިދީ، ދީނީ މައުލޫމާތުތަކެއް ހިއްސާކުރައްވާ މަންޒަރު ފެންނަ ވީޑިއޯއަކާ ވެސް އެކީގަ އެވެ.

މާޖިދުގެ އިތުރުން ބައެއް އެހެން މީހުން ވެސް ގަތަރުގައި މިހާރު ވަރަށް ބާރަށް ޢައިރު މުސްލިިމުން ނޫން މީހުން އިސްލާމް ދީނުގެ ހިދާޔަތުގެ ތެރެއަށް ވަންނަމުން އަންނަ ކަމަށް ބުނެފައިވެ އެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހު ވޯލްޑް ކަޕް ފެށި ފަހުން 530 އާ ގާތްކުރާ އަދަދަކަށް އެކި ގައުމަތަކަށް ނިސްބަތްވާ މީހުން ގަތަރުގައި އިސްލާމް ދީން ގަބޫލުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ގަތަރުގެ ކަމާބެހޭ ރަސްމީ އެއްވެސް އިދާރާއަކުން މިފަދަ އެއްވެސް މައުލޫމާތެއް އަދި މިހާތަނަކަށް ހިއްސާއެއް ނުކުރެ އެވެ. ނަމަވެސް އެ ގައުމު ވޯލްޑް ކަޕާ ދިމާކޮށް އިސްލާމީ ދައުވަތަށް މަގުފަހިކުރުމުގެ ގޮތުން ގައުމުގެ އެކި ހިސާބުތަކުގައި، ހާއްސަކޮށް މެޗްތައް ކުޅޭ ސްޓޭޑިއަމްތައް ހިމެނޭ ސަރަހައްދުތަކުގައި ރަސޫލާގެ ހަދީސްފުޅުތައް ހިމެނޭ ގިނަ އަދަދެއްގެ ބޯޑް ހަރުކޮށް، އިސްލާމީ ޝިއާރު ފާޅުކުރަން ވަރަށް ގިނަ ކަންކަން ކޮށްފައިވެ އެވެ.

ގަތަރުގައި ވޯލްޑް ކަޕް ބާއްވާތީ ހުޅަނގުގެ ވަރަށް ގިނަ ގައުމުތަކުން ދަނީ ފާޑު ކިޔަމުންނެވެ. ހާއްސަކޮށް އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ގައުމުތަކާއި އެފަދަ ޖަމިއްޔާ ޖަމާއަތްތަކުންނެވެ. ނަމަވެސް ގަތަރުން ވަރަށް ސާބިތުކަމާ އެކީ ބުނަމުން އަންނަނީ އިސްލާމް ދީން ހަރާންކޮށްފައިވާ އެއްވެސް ކަމަކަށް މަގުފަހިވާނެ އެއްވެސް ކަމެއް، އެއްވެސް އަމަލެއް އެ ގައުމުގައި ހިންގަން ޢަައިރު މުސްލިމުންނަށް ފުރުސަތު ނުދޭނެ ކަމަށެވެ. އެހެންވެ ސްޓޭޑިއަމްތަކުގައި ރަލާއި ބިޔަރު ފަދަ އެއްޗެހި ވިއްކުން ވެސް މަނާކޮށްފައިވެ އެވެ.

މެދުއިރުމަތީގެ ގައުމެއްގައި އަލަށް ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ބާއްވަމުން އަންނަ އިރު، މުބާރާތް ގަތަރުން ފެށީ ވެސް ކީރިތި ޤުރުއާންގެ ބަރަކާތުންނެވެ. އަދި މިއީ ވޯލްޑް ކަޕް ތާރީހުގައި ވެސް މި ގޮތަށް މުބާރާތް ފެށި ފުރަތަމަ ފަހަރެވެ.

އިސްލާމީ ދައުވަތު ފަތުރާ މީހުން ބުނަމުން އަންނަ ގޮތުގައި އަންނަ މަހުގެ 18 ގައި ވޯލްޑް ކަޕް ނިންމައިލާ އިރު، ގަތަރުގައި ގިނަ ބަޔަކު އިސްލާމް ދީނަށް ވަނުމަކީ ދީނަށް ލިބޭ ވަރަށް ބޮޑު ނަސްރަކަށް ވާނެ އެވެ.