ފީފާ ވޯލްޑް ކަޕްގައި މިއަދު އާޖެންޓީނާ އަތުން 2-1 އިން ސައުދީ އަރަބިއްޔާ މޮޅުވުމުން މާދަމާ އަކީ އެގައުމަށް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް މިގޮތަށް އެގައުމުގެ ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާންގެ ލަފާފުޅުގެ މަތިންނެވެ.
މި ނިންމުމުގައިވާ ގޮތުން ސައުދީގެ ހުރިހާ މުވައްޒަފުންނާއި، ސްކޫލްތަކުގެ ދަރިވަރުންނަށް މާދަމާ އަކީ ބަންދު ދުވަހެކެވެ.
އާޖެންޓީނާގެ މައްޗަށް ސައުދީން ކުރި ހޯދި މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނެގީ އާޖެންޓީނާ އިންނެވެ. އެގޮތުން އެޓީމަށް ލިބުނު ޕެނަލްޓީއަކުން މި ގޯލް ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީ އެވެ. ނަމަވެސް ދެވަނަ ހާފްގައި ސައުދީން ވަނީ ދެ ގޯލް ކާމިޔާބުކޮށް ނަތީޖާ އަނބުރާލާފަ އެވެ. މި ދެ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަލް ޝެހްރީ އާއި އަލް ދަވްސަރީ އެވެ.
މިއީ 36 މެޗަށްފަހު އާޖެންޓީނާ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ބަލިވި ފުރަތަމަ މެޗެވެ. އާޖެންޓީނާ އެންމެފަހުން މެޗަކުން ބަލިވެފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އަދި މިއީ 1990 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން އާޖެންޓީނާ ބަލިވި ފުރަތަމަ ފަހަރުވެސް މެ އެވެ. އަނެއްކޮޅުން މިއީ ވޯލްޑް ކަޕްގައި ސައުދީން ހޯދި ހަތަރުވަނަ މޮޅުކަން ފާހަގަކޮށްލެވެ އެވެ.
ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ ދެން ބައްދަލުކުރާނީ މެކްސިކޯއާ އެވެ. އަދި ސައުދީ ނިކުންނާނީ ޕޮލެންޑާއި ދެކޮޅަށެވެ.