ކުރީގެ ވަރަށް ގިނަ ހިންދީ ފިލްމުތަކުގައި ނުބައިބައި ރޯލު ކުޅެފައިވާ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންޖީތުގެ ދަރިފުޅު ޖީވާ ވެސް އެކްޓިން ދަތުރު ފަށައިފި އެވެ.
އޭނަގެ ފުރަތަމަ ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަމުން އަންނަ މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް ދޫކޮށްލާ "ގޯވިންދާ ނާމް މޭރާ" އެވެ. ވިކީ ކޯޝަލްގެ ބަތަލުގެ ރޯލު ކުޅެފައިވާ ފިލްމުގައި ޖީވާ ފެންނާނީ ސަޕޯޓިން ރޯލަކުންނެވެ. އޭނަގެ ޕޯސްޓަރެއް ވެސް ވަނީ އާންމުކޮށްފަ އެވެ.
އެ ޕޯސްޓަރު ރަންޖީތުގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށް އެކަން ސަޕްރައިޒެއްގެ ގޮތުގައި ސިފަކޮށް، ފިލްމަށް ކާމިޔާބީ އަށް އެދިފައިވެ އެވެ.
"ގޯވިންދާ ނާމް މޭރާ" އާ ބެހޭ ގޮތުން ޖީވާ ބުނީ ބޮލީވުޑުން ލިބުނު ފުރަތަމަ ފުރުސަތާ މެދު ވަރަށް އުފާކުރާ ކަމަށާއި ޑައިރެކްޓަރު ޝިޝާން ކައިތާންގެ މި ފިލްމަކީ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށެވެ. އަދި ފިލްމުން ފަހިކޮށް ދިން ފުރުސަތަށްޓަކައި އަބަދު ވެސް ޝުކުރުވެރިވާނެ ކަމަށް ބުންޏެވެ.
ޖީވާ އަކީ ރަންޖީތު، 80، ގެ ދެ ދަރިންގެ އެކެކެވެ. އަނެއް ކުއްޖާ އަކީ ދިވްޔަންކާ ބޭދީ އެވެ. ރަންޖީތަކީ 200 އެއްހާ ފިލްމާއި ގިނަ އަދަދެއްގެ ޓީވީ އުފެއްދުންތަކުގައި ވެސް މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. އޭނަ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ 2019 ގެ "ހައުސްފުލް 4" އެވެ.
ރަންޖީތަކީ 1970-1980 ގެ ތެރޭގއި ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ވިލަންތަކުގެ ތެރެއިން އެކެކެވެ. އެފަދަ ރޯލްތަކާ ހެދި އޭނަ އަކީ އާންމުން ވަރަށް ޖެހިލުންވެ، ބިރުގަންނަ ޒާތުގެ އެކްޓަރެކެވެ.
އަންނަ މަހުގެ 16 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރާ "ގޯވިންދާ ނާމް މޭރާ" ގެ ބަތަލާއިންނަކީ ކިއާރާ އަދުވާނީ އާއި ބޫމީ ޕިޑްނޭކަރެވެ.