Last Updated: July 3, 22:50
Friday, July 4, 2025
މުނިފޫހިފިލުވުން

ޖޭމްސްގެ ބޮންޑްގެ ރޯލު ބޭނުން: ރޮކް

ޖޭމްސް ބޮންޑްގެ ރޯލު ކުޅެން ބޭނުންވާ ކަމަށް ހޮލީވުޑްގެ މަޝްހޫރު ތަރި ޑްވޭން ޖޯންސަން (ރޮކް) ބުނެފި އެވެ.

މިދިޔަ އަހަރު ރިލީޒްކުރި ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" އާ އެކީ ޑެނިއަލް ކްރެއިގް އެ ރޯލަށް އަލްވަދާއި ކިޔާފައިވާތީ މިހާރު އެންމެ ބޮޑަށް ކުރެވޭ ސުވާލަކީ ދެން ބޮންޑަށް ވާނީ ކާކު ހެއްޔޭ އެވެ؟ މި ބަހުސެއް މީޑިއާގައި ކުރެވެނީ ބޮންޑްގެ ރޯލު ފަސް ފިލްމެއްގައި ކުޅުނު ޑެނިއަލް އެ ރޯލު ދޫކޮށްލަން ނިންމި ވާހަކަ 2016 ގައި ތިލަކުރި ހިސާބުންނެވެ.

އޭގެ ފަހުން ބޮންޑްގެ ރޯލު ކުޅޭނެ އެކްޓަރުންނާ ބެހޭ ބަހުސް މީޑިއާތަކުގައި ވަރަށް ގަދަ އެވެ.

މި ވާހަތަކުގެ ތެރެއިން މިހާރު ދައްކަން އޮތީ މިހާރު ހޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ރޮކް، ބޮންޑަށް ކުރާ އުންމީދުގެ ވާހަކަ އެވެ. މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ކުރީގެ ރެސްލިން ތަރި ބުނީ ޖޭމްސް ބޮންޑްގެ ރޯލު ކުޅެން ވަރަށް ބޭނުންވާ ކަމަށެވެ. އަދި އެ ވާހަކަ އޭނަ ގުޅުވީ އާއިލާއާ އެވެ.

ރޮކް، 50، ގެ ކާފަ އަދި 1982 ގައި މަރުވެފައިވާ އެކްޓަރު ޕީޓާ މެއިވިއާ އަކީ ޝޯން ކޮނެރީ ބޮންޑްގެ ރޯލު ކުޅުނު 1967 ގެ "ޔޫ އޮންލީ ލިވް ޓްވައިސް" ގެ ވިލަންއެއްގެ ރޯލު ކުޅުނު އެކްޓަރެކެވެ.

"ކާފަ އަކީ ބޮންޑްގެ ވިލަންއެއް. އެކަމަކު އަހަރެން ބޭނުމެއް ނޫން ވިލަންއެއްގެ ރޯލު. އަހަރެން ބޭނުމީ ސީދާ ބޮންޑްގެ ރޯލު." މިދިޔަ މަހު ރިލީޒްކުރި "ބްލެކް އެޑަމް" ގެ ތަރި ބުންޏެވެ.

ނަމަވެސް ބޮޑު ސުވާލަކީ ރޮކްގެ މި ހުވަފެން ހަގީގަތަކަށް ވެދާނެތޯ އެވެ؟ ވަރަަށް ކުރު ޖަވާބަކުން ފުއްދާ ނަމަ ނަމަ ބުނެވެން އޮތީ އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމަށެވެ. ސަބަބަކީ ހިޔާލީ ޖާސޫސީ އޭޖެންޓް ޖޭމްސްގެ ބޮންޑް ހާއްސަ ވަނީ އިނގިރޭސި އެކްޓަރުންނަށްވުމެވެ. އެ ވރޯލު މިހާތަނަށް ކުޅުނީ ވެސް އިނގިރޭސި އެކްޓަރުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖޭމްސް ބޮންޑްގެ ރޯލުން ފެނުން ދެން އެންމެ ގާތީ އިނގިރޭސި އެކްޓަރު ޓޮމް ހާޑީ، 45، އެވެ. ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރުން އަދި ތިބީ ބޮންޑްގެ 26 ވަނަ ފިލްމުގެ ކާސްޓާ ބެހޭ ގޮތުން ވާހަކަ ދައްކަން ތައްޔާރަކަށް ނޫނެވެ.