Last Updated: April 25, 20:04
Thursday, April 25, 2024
ދުނިޔެ

ބަލި ގަބޫލު ނުކޮށް ބޮލްސޮނާރޯ ކޯޓަށް

މިދިޔަ މަހު ބްރެލްޒިލްގައި ބޭއްވި ރިޔާސީ އިންތިހާބުގެ ބަލި ގަބޫލު ނުކުރައްވައި އިންތިހާބުގެ ނަތީޖާ ސައްހަ ނޫން ކަމަށް ކަނޑައަޅައި ދެއްވުމަށް ކުރީގެ ރައީސް ޖައި ބޮލްސޮނާރޯ ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.

މީޑިއާތަކުން ބުނީ އޭނާ އެ މައްސަލަ ސްޕްރީމް އިލެކްޓޯރަލް ކޯޓަށް ހުށަހެޅުއްވީ އިއްޔެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ޗީފް ޖަސްޓިސް އެލެގްޒެންޑާ މޮރޭޒްގެ ވަނީ ހުށަހެޅުއްވި މައްސަލަ އަށް އިސްލާހުތަކެއް ގެންނަން ފެނިވަޑައިގަންނަވާތީ އެކަމަށް 24 ގަޑިއިރުގެ މުހުލަތެއް ވެސް ދެއްވައިފަ އެވެ.

ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އިންތިހުބުގައި ވޯޓްލާން ބޭނުންކުރި ބައެއް ވޯޓިން މެޝިންތައް ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށާއި އޭގެ ސަބަބުން މުޅި އިންތިހާބުގެ ނަތީޖާ ސައްހަ ނޫން ކަމަށެވެ.

ބޮލްސޮނާރޯ، 67، އާ ވާދަކުރައްވައި ހަނި ގޮތަކަށް އިންތިހާބު ކާމިޔާބުކުރެއްވީ 2003-2010 އަށް ވެރިކަންކުރެއްވި ލޫލާ ޑަ ސިލްވާ، 77، އެވެ. އެއީ 60 މިލިއަން ވޯޓާ އެކީގަ އެވެ. ލޫލާ މަގާމާ ރަސްމީކޮށް ހަވާލުވަޑައިގަންނަވާނީ އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެންނެވެ.

ނަމަވެސް އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވަން ބޮލްސޮނާރޯ ދެކޮޅު ހައްދަވަމުން ގެންދަވާ އިރު، ވެރިކަން ބަދަލުކުރުމުގެ މަރުހަލާ އޮމާން ނުވެދާނެކަމުގެ މަލަމަތި ފެންނަމުންދާ ކަމަށް މަސްރަހު ދިސާރާކުރާ ފަރާތްތަކުން ބުނެ އެވެެ. ބްރެޒިލްގެ 38 ވަނަ ރައީސްގެ މަގާމަށް އޭނާ އިންތިހާބުވެވަޑައިގެންނެވީ 2019 ގަ އެވެ.