Last Updated: October 4, 22:10
Wednesday, October 4, 2023
ޚަބަރު

ތިލަމާލެ ބްރިޖްގެ ތަނބަކީ ހެލޭ ދަތެއް: ފަޒުލް

މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު - ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބްރިޖް އެޅުމަށް ވިލިނގިލިއާ މާލެއާ ދޭތެރޭ ޖަހާފައިން ޓެސްޓް ތަނބަކީ ހެލޭ ދަތެއް ކަމަށް ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ކޮމިޓީ ރިޕޯޓަށް ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބަޖެޓް ދަރަނި އިތުރުވިނަމަވެސް، އެ ދަރަނި ނަގައިގެން ކުރި ތަރައްގީގެ މަސައްކަތްތައް ރައްޔިތުންނަށް ފެނުނު ކަމަށެވެ.

ފަޒުލް ވިދާޅުވީ ކޮވިޑްގެ ހާލަތުގައި މިސަރުކާރަށް ގައުމި ހިފަހައްޓާލެވުނީ ރައީސް ޔާމީންގެ ވެރިކަމުގައި ކުރެއްވި މަސައްކަތުން ލިބުނު އާމްދަނީން ކަމަށެވެ. ފަޒުލް ވަނީ މިސަރުކާރުން ބޮޑު ދަރަންޏެއް އުފައްދާފައިވާއިރު ރައްޔިތުންނަށް ފެންނަން ހުރީ ކޮންކަމެއްތޯ ސުވާލު ކުރައްވާފައެވެ.

"ހެލޭ ދަތެއް ޖަހާފަ އޭނީ މާލެއާ ވިލިނގިލިއާ ދޭތެރޭގަ، އަޅުގަނޑުމެންގެ ސަރުކާރުގަ އެހެންތޯ؟" ފަޒުލް ވިދާޅުވިއެވެ.

މީގެއިތުރުން ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް މިސަރުކާރުން ނިންމާފައިވާއިރު، އަންނައަހރު ތަކެތީގެ އަގުތައް މައްޗަށް ގޮސް އިންފްލޭޝަން ބޮޑުވާނެ ކަމަށެވެ.

ފަޒުލް ވިދާޅުވީ އަންނަ އަހަރު އިގްތިސާދީ ހާލަތު ދަށަށް ދާނެ ކަމަށާއި، އަދި ޑޮލަރުގެ އަގުތައް އިންތިހާ މައްޗަށް އަރާނެ ކަމަށެވެ. އަދި އިގްތިސާދީ ގޮތުން ިސަރުކާރު ޖަހާ ހިސާބު ދިމާނުވާ ކަމަށް ވިދާޅުވިއެވެ.