މީގެ 25 އަހަރު ކުރިން ރިލީޒްކުރި މަޝްހޫރު ފިލްމު "ޓައިޓޭނިކް" ގެ ލީޑް ރޯލު ކުޅުނު ތަރިން ކަމަށްވާ ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ކޭޓް ވިންސްލެޓަކީ އެ ފިލްމުގެ ކާސްޓަށް އެންމެ ފުރަތަމަ ނަގަން ބޭނުންވި ތަރިން ނޫން ކަމަށް ޑައިރެކްޓަރު ޖޭމްސް ކެމެރޮން ބުނެފި އެވެ.
"ޖީކިއު" އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ފިލްމުގެ ބަތަލާގެ ރޯލަށް ކުރިން ނަގަން ބޭނުންވީ ވިނިތު ޕަލްޓްރޯ ކަމަށެވެ.
"ފުރަތަމަ ވިސްނުގައި އިނީ ޕަލްޓްރޯ ފިލްމަށް ނަގަން. ކޭޓަކީ އޭރު އިތުރު އޮޕްޝަނަކަށް ގެންގުޅުނު ނަމެއް." ކެމެރަން ބުންޏެވެ.
އޭނަ ބުނި ގޮތުގައި ދެވަނަ ހޮވުމެއްގެ ގޮތުގައި ކޭޓް ދެކުނީ އެ ދުވަސްވަރު "ޓައިޓޭނިކް" ޖޯންރާގެ ޕީރިއަޑް ކޮސްޓިއުމް ޑްރާމާތަކެއް އިނގިރޭސި ބަތަލާ ކުޅެފައިވުމެވެ. އެ ފިލްމުތަކަކީ 1995 ގެ "ސެންސް އެންޑް ސެންސިބިލިޓީ" އާއި 1996 ގެ "ޖޫޑް" ގެ އިތުރުން އެ އަހަރުގެ "ހެމްލެޓް" އެވެ. އެ ފިލްމުތަކާ އެކީ އޭރު ގިނަ ބަޔަކު ކޭޓް ސިފަކުރަމުން އައީ "ކޯސޭ ކޭޓް" ނުވަތަ އެއް ޒާތެއްގެ ފިލްމުތައް ކުޅޭ ބަތަލާއެއްގެ ގޮތުގަ އެވެ.
"އެހެންވެ ޓައިޓޭނަކަށް ކޭޓް ގެނައުމާ ދޭތެރޭ ފިކުރު ކުރަމުން ދިޔަ އިރު، ހިތަށް އެރި މިއީ އަނެއްކާ ވެސް އޭނަ ހަމަ ޓައިޕްކާސްޓް ކުރެވޭނެ ފިލްމެކޭ،" ކެމަރޮން ބުންޏެވެ. "އެހެންވެ އޭރު ޓައިޓޭނިކްގެ ކާސްޓްވީ ވަރަށް އުނދަގޫ ކަމަކަށް. އެކަމަކު ހިތަށް އެރީ ވެއްޖޭ ރޯޒްގެ ރޯލާއިގެން ކޭޓް ގާތަށް ދާން. ދެން ހުރި ވާހަކަތައް ދޫކޮށްލާނީ މާޒީ އަށް."
އޭނަ ބުނި ގޮތުގައި "ޓައިޓޭނިކް" އަށް ކޭޓް ނެގުންވީ ވަރަށް ރަނގަޅު ނިންމުމަކަށެވެ. އަދި ރޯޒްގެ ރޯލަށް ކޭޓް ވަރަށް ފިޓް ކަމަށާއި އެ ރޯލު އޭނަ ވަރަށް މޮޅަށް ކުޅެފައިވާ ކަމަށް ވެސް ކެމެރޮން ބުންޏެވެ. ކޭޓަށް ފިލްމުން އޮސްކާގެ މޮޅު ބަތަލާގެ ނޮމިނޭޝަން ވެސް ލިބުނެވެ.
ކެމެރޮން ބުނީ ފިލްމަށް ލިއޮނާޑޯ ނެގުމުގެ ވިސްނުމަކީ 1993 ގެ "ވަޓްސް އީޓިން ޖިލްބަޓް ގްރޭޕް؟" ގައި އޭނާ ދެއްކި ހުނަރާއި އެ ފިލްމުން އޭނަ އޮސްކާގެ މޮޅު އެކްޓަރަކަށް ނޮމިނޭޓްވެފައި އޮތުމުން ހިޔާލަށް އައި ކަމެކެވެ.
"އެހެންވެ އޭނަ ކޭޓާ އެކީ ސްކްރީން ޓެސްޓަކަށް ގެނެސްފައި ކުޑަވަރެއްގެ އޮޑިޝަނެއް ހަދަން ޖެއްސީމަ އެކަމާ ފުރަތަމަ ދެކޮޅު ވެސް ހެދި،" ކެމަރޮން ބުންޏެވެ. "ދެން އަހަރެން ބުނިން އޮޑިޝަނެއް ނަހަދާ ކަމަށް ވަންޏާ ފުރުސަތު ގެއްލިދާނޭ. ދެން ކަން ދިމާކުރި ގޮތުން އޭނަ އެކަމަށް އެއްބަސްވި. އެކަމަކު މި ފިލްމު ނިންމަން ދެ އަހަރު ނަގާނެކަން އެނގުމީނަ ލިއޮނާޑޯ ދެވަނަ ވިސްނުމަކަށް ދާން ވެސް އުޅުނު. ނަމަވެސް ފަހުން އޭނަ ޓައިޓޭނިކަށް ކޮމިޓްވާން ނިންމި."
"ޓައިޓޭނިކް" ގެ ޖެކްގެ ރޯލު ލިއޮނާޑޯ އަށް ދިން ނަމަވެސް ކުރިން އެ ރޯލަށް ނަގަން ވިސްނީ ކޮން އެކްޓަރެއް ކަމެއް ކެމެރޮން ހާމައެއްނުކުރެ އެވެ. އޭނަ ބުނި ގޮތުގައި ރޯޒްގެ ކެރެކްޓާ އަށް ކޭޓް ހެޔޮވަރުވި ގޮތަށް ޖެކްގެ ރޯލަށް ލިއޮނާޑޯ ވަރަށް ބޮޑު ދިރުމެއް ގެނެސްދިިނެވެ.
ޑިސެމްބަރު 19، 1997 ގައި ސިނަމާތަކަށް ގެނައި "ޓައިޓޭނިކް" އަކީ އޮސްކާގެ 14 ކެޓަގަރީއަކަށް ނޮމިނޭޓްވެ 11 އެވޯޑް ގެންދިޔަ ފިލްމެކެވެ. އަދި އެ ފިލްމަކީ އޭރު ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދުމުގެ ރެކޯޑް ވެސް ލިބުނު ފިލްމެވެ. އެކަމަކު އެ ފިލްމު މިހާރު އޮތީ އެންމެ ބޮޑު އާމްދަނީއެއް ހޯދި ތިން ވަނަ ފިލްމުގެ މަގާމުގަ އެވެ. ޖުމްލަ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ޓައޓޭނިކް" ގެ އާމްދަނީ އަކީ 2.202 ބިލިއަން ޑޮލަރެވެ.
މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް އޮތީ ކެމެރޮންގެ 2009 ގެ "އެވަޓާ" އަށެވެ. ޖުމްލަ 246 މިލިއަން ހޭދަކުރި ފިލްމުގެ އާމްދަނީ އަކީ 2.923 ބިލިއަން ޑޮލަރެވެ. ކެމަރޮން މިހާރު އަންނަނީ އަންނަ މަހުގެ 16 ގައި "އެވަޓާ" ގެ ސީކްއެލް "އެވަޓާ: ދަ ވޭ އޮފް ވޯޓާ" ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވަމުންނެވެ.
ކާސްޓްގައި ކޭޓް ވެސް ހިމެނޭ މި ފިލްމު ހަދާފައި ވަނީ ގާތްގަނޑަކަށް 2.0 ބިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.