Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

މީދޫގެ ތަރައްގީގެ ބާނީއަކީ ރައީސް ސޯލިހް

މެންބަރު ރޮޒައިނާ އާދަމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އައްޑޫ މީދޫ ދާއިރާގެ ތަރައްގީގެ ބާނީ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް އެ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ މިސަރުކާރުން ރާއްޖޭގެ ރަށްތަކުގައި ފުރިހަމައަށް ތަރައްގީ ހިންގަވާ ކަމަށާއި، ރާއްޖޭގެ ރަށްތަކުގައި ތަރައްގީ ފިޔަޖަހަމުން އަންނަ ކަމަށެވެ.

"ހަމަގައިމުވެސް އައްޑޫ މީދޫ ދާއިރާގެ ތަރައްގީގެ ބާނީއަކަށް ވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް. ތާރީހުގައި މިކަން މިގޮތަށް ލިޔެވިގެން ދާނެ." ރޮޒައިނާ ވިދާޅުވިއެވެ.

އައްޑޫސިޓީގެ އެހެން ދާއިރާތަކުގެ ބައެއް މެމްބަރުން ބަޖެޓަށް ވާހަކަ ދެއްކެވިއިރު އައްޑޫސިޓީގައި ތަރައްގީގެ މަސައްކަތް ނުހިންގާކަމަށް ވިދާޅުވާތީ އެކަމާ ހިތާމަ ކުރައްވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ކޮވިޑް-19 ގެ ހާލަތު އައި ކަމަށާއި، އަދި އެސަބަބާ ގުޅިގެން ކަންކަން ލަސްވެގެން ދިޔަ ކަމަށެވެ. އެހެންނަމަވެސް މިދައުރުގެ ފަސް އަހަރު އަދި ނުނިމޭކަން ރޮޒައިނާ ފާހަގަ ކުރެއްވިއެވެ.

"އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ނިމޭއިރު އައްޑޫގެ ބިން އޮންނާނީ ހިކިފަ. އައްޑޫގެ މަގުތައް އެދަނީ ހެދެމުން." ރޮޒައިނާ ވިދާޅުވިއެވެ.

އިދިކޮޅު މެމްބަރުންނަށް ފާޑުވިދާޅުވެ ރޮޒައިނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި އައްޑޫ މީދޫ ދާއިރާއަކީ އޮތްތަނެއްކަންވެސް ނޭންގޭ ކަމަށާއި، އެ ފަސް އަހަރުގައި އައްޑޫ މީދޫ ދާއިރާއަށް ގެނެވުނު ތަރައްގީއެއްވެސް ނެތްކަމަށެވެ.