ސެޓްފިކެޓެއް ލިބުން އަދި ނުފުދޭ ކަމަށާއި މަސައްކަތްތެރިކަން ދަންނަ މީހަކަށް ވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިން ދަސްވެނިވުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ފައިސަލް ވިދާޅުވީ ފާއިތުވެ ދިޔަތަނުގައި ކުރިމަތިވެގެން ދިޔަ ކަންކަމުން އެނގިގެން ދިޔައީ ވިލުންވެރި މަސައްކަތްތެރި މުޖުތަމަޢެއް ބިނާކުރުމަށްވުރެ މުހިއްމު އެއްވެސް ކަމެއް ނެތްކަން ކަމަށެވެ.
އެގޮތުން މިސަރުކާރުން ތަޢުލީމަށާއި ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް ފައިސަލް އަލިއަޅުއްވާލެއްވި އެވެ. މިގޮތުން ހިލޭ ޑިގްރީ ޕްރޮގްރާމާއި ވޮކޭޝަނަލް ޓްރޭނިންގ ޕްރޮގްރާމްތައް އެތައްހާސް ދަރިވަރުންނެއް ފުރިހަމަކޮށްފައިވާކަން ފައިސަލް ފާހަގަކުރެއްވި އެވެ.
ފައިސަލްގެ ވާހަކަފުޅުގައި ވަނީ، ކަމެއް ނެތިފައި ނުތިބެ، ފުރުޞަތުތަކުގެ ބޭނުން ހިފައިގެން މަސައްކަތްތައް ދަންނަ މަސައްކަތްތެރި ބަޔަކަށް ވުމަށް މަސައްކަތް ކުރުމަށް ޒުވާނުންނަށް ގޮވާލައްވާފަ އެވެ. ސެޓްފިކެޓެއް ހާސިލްވުމަކުން އަދި ނުނިމޭކަމަށާއި މަސައްކަތްތެރިކަން ދަންނަ މީހަކަށް ވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ދިރާގު " އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2022" ފުރިހަމަކޮށް 15 ދަރިވަރަކު ވަނީ ދަސްވެނިވެފަ އެވެ.