Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އޭޕްރީލުން ފެށިގެން 50،000ރ އިން މަތީގެ ޗެކްތައް ބަލައިނުގަންނާނެ

އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޕްރޮސެސްކުރާނީ 50،000 ރުފިޔާއާއި ހަމަޔަށް ދޫކޮށްފައިވާ ޗެކްތައް ކަމަށް އެ ބޭންކުން ބުނެފި އެވެ.

އިލެކްޓްރޯނިކް ޕޭމަންޓް ޕްރޮމޯޓް ކުރުމާއި ރާއްޖޭގައި ޕޭމަންޓްގެ ހިދުމަތް ފުޅާކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ސްޓްރެޓަޖީގެ ދަށުން 1 އޭޕްރިލްއިން ފެށިގެން ބޭންކުތަކަށް ގަބޫލުކުރަންޖެހޭ ޗެކުގެ އެންމެ މަތީ އަދަދު ވަނީ ކަނޑައަޅާފަ އެވެ.

ބީއެމްއެލްއިން ބުނީ އޭޕްރީލްގެ ފަހުން އެބޭންކުން ހަމައެކަނި ޕްރޮސެސް ކުރާނީ 50،000ރ އާއި 3،000 ޑޮލަރާއި ހަމައަށް ދޫކޮށްފައިވާ ޗެކްތައް ކަމަށެވެ. މިއަދަދަށް ވުރެ މަތީގެ މުއާމަލާތްތައް ފުރިހަމަކުރެވޭނީ ބޭންކުގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. އެގޮތަށް އެންމެ މަތީ އަދަދު ކަނޑައެޅިފައިވާ ޗެކުތަކުގެ ތެރޭގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކުންފުނިތަކުން ދޫކުރާ ޗެކްތައް ހިމެނޭނެ އެވެ.

ބޭންކިންގ ހިދުމަތްތަކަށް ޑިޖިޓަލް ޗެނަލްތައް ބޭނުން ކުރުމަށް ބޭންކުން ވަނީ އެދިފަ އެވެ. ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގ އަށް ރަޖިސްޓާ ކޮށްފައި ނުވާ އަމިއްލަ ފަރުދުންނަށް މިހާރު އޮންލައިންކޮށް ރަޖިސްޓަރ ކުރެވޭނެ އެވެ.

އިންޓަނެޓް އަދި މޯބައިލް ބޭންކިން އަކީ ރައްކާތެރި ފަސޭހައިން ބޭނުންކޮށްލެވޭ ހިދުމަތެކެވެ. އަދި ދުނިޔޭގެ ކޮންމެ ތަނަކުންވެސް 24 ގަޑިއިރު އިންޓަނެޓް ބޭންކިން މެދުވެރިކޮށް ހިދުމަތް ލިބޭނެ އެވެ.