Last Updated: July 5, 20:34
Sunday, July 6, 2025
ޚަބަރު

ރާއްޖެތެރޭ ރައީސެއް ނެތްނަމަ އަދިވެސް ތިބޭނީ ނަޖިސްވަޅުގައި

މެމްބަރު މުހައްމަދު ރާއީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ވެރިކަމުގައި ރާއްޖެތެރޭގެ ބޭފުޅެއް ނެތްނަމަ އަދިވެސް އަތޮޅުތެރޭގެ ރައްޔިތުން ތިބޭނީ ނަޖިސްވަޅުގައި ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ރިޕޯޓަށް ބަހުސް ކުރައްވަމުން ރާއީ ވިދާޅުވީ މާލެއާއި އަތޮޅުތެރެ އަޅާ ނުކިޔޭނެ ކަމަށާއި ކުރީގެ ސަރުކާރުތަކުން މާލެއަށް ކޮށްދީފައި ހުރި ކަންކަން މާގިނަ ކަމަށެވެ. އެގޮތުން ހައުސިން ޔުނިޓްތަކާއި ބްރިޖް ފަދަ މަޝްރޫއުތައް ރާއީ ފާހަގަކޮށްފައިވެ އެވެ.

ރާއީ ވިދާޅުވީ އަތޮޅުތެރޭގެ ރައްޔިތުން ބޭނުންވާ ކަންކަން މިއަދު ވަމުން ދަނީ ރާއްޖެތެރެއަށް ނިސްބަތްވާ ރައީސް ހުރުމުން ކަމަށެވެ.

"ސީދާ ރާއްޖެތެރެ އަށް ނިސްބަތްވާ ރައީސަކަށް ވާތީވެކަން އަޅުގަނޑު ގަބޫލުކުރަނީ މިއަދު އެހާ ހިސާބަށް ކަންތައް ކުރީ. އެހެން ނޫންނަމަ އަޅުގަނޑުމެން އަދިވެސް ތިބޭނީ ނަޖިސް ފެންވަޅުގައި. ނަޖިސްގަނޑުގައި އަޅުގަނޑުމެން ތިބޭނީ." ރާއީ ވިދާޅުވި އެވެ.

މި ސަރުކާރުން ވައުދުވެފައިވާ ކަންކަމުގެ ތެރެއިން 90 ޕަސެންޓް މަސައްކަތް މިހާރުވެސް ފުރިހަމަކޮށްފައިވާ ކަމަށާއި ފަސް އަހަރުގެ ދައުރެއް ނިންމާލާއިރު ދުނިޔޭގެ އެއްވެސް ރައީސަކަށް ހުރިހާ ކަމެއް ފުރިހަމަވެފައި ހުރިތަން ނުދެކޭ ކަމަށްވެސް ރާއީ ވިދާޅުވި އެވެ. އަދި މިހާރު ފާސްކުރާ ބަޖެޓްގެ ތެރެއިން ވެސް އިތުރު ކަންކަން ކުރާނެ ކަމަށާއި ބަޖެޓް ބަހުސްގައި ވާހަކަދައްކާއިރު ސަރުކާރުން ކޮށްފައި ހުރި ކަންކަމުގެ ވާހަކަ ދެއްކުން ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ ތެރޭގައި ރައީސް ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ފެކްޝަނެއް އުފެދިފައިވާއިރު ބަޖެޓް ބަހުސްގެ ތެރެއިން ވެސް ދެ ފެކްޝަނުން ބަހުގެ ހޫނު ހަމަލާތަކެއް އަންނަނީ ބަދަލުކުރަމުންނެވެ.