Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ހުޅުމާލޭގައި ގެސްޓްހައުސްތަކަށް ޕްރައިވެޓް ބީޗެއް

ހުޅުމާލޭ ގެސްޓް ހައުސެއްގެ ކުރިމަތީ ބީޗް ސަރަހައްދު / ގޮޓޯ: އައްޑޫލައިވް

ހުޅުމާލޭގެ ވަކި ސަރަހައްދެއްގައި ޕްރައިވެޓް ބީޗެއް ތަރައްޤީ ކުރުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ނިންމައިފިއެވެ.

ޕްރައިވެޓް ބީޗެއްގެ ގޮތުގައި، ތަރައްޤީ ކުރުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭގައި ތަރައްޤީ ކުރަމުންދާ ވޯޓާ ތީމް ޕާކް ސަރަހައްދުގައި އޮތް ބީޗެވެ. މިއީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އެދިލެއްވުމުގެ މަތިން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރިއެރުވުމަށް ނިންމި ނިންމުމެއް ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ގެސްޓް ހައުސް ވިޔަފާރި މިހާރު ވަރަށް ބޮޑަށް ކުރިއަރަމުން އަންނައިރު، މި ވިޔަފާރީގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެން ކަމުން މިފަދަ ސަރަހައްދެއް ކަނޑައެޅުމުގެ މުހިންމުކަން އެޗްޑީސީން ފާހަގަ ކުރެއެވެ.

ހުޅުމާލޭގައި މިވަގުތު ގިނަ އަދަދެއްގެ ގެސްޓް ހައުސް ހިންގަމުން އައި ނަމަވެސް، ފަތުރުވެރިންނަށް ހާއްސަ ބީޗެއް ނޯވެއެވެ. އެހެން ކަމުން ފަތުރުވެރިން މޫދަރަށް އެރިލައި ހަދާނެ ސަރަހައްދެއް ނެތުމުން ގިނަ ފަހަރު ފަތުރުވެރިންވެސް ބޭނުން ކުރަނީ އާންމު ބީޗް ސަރަހައްދުތަކެވެ.

އެޗްޑީސީން ބުނި އެސްއެމްއީ ނުވަތަ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުން މުހިންމު މަސައްކަތަކެއް ކުރަމުންދާއިރު، މި މަސައްކަތުގައި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.