ޔޫރަޕިއަން ޔޫނިއަންގެ ސަފީރުންގެ ވަފުދުގެ ބޭފުޅުންނާ ރައީސް އިބްރާހީމް މުޙައްމަދަ ޞާލިޙް ބައްދަލުކުރައްވައިފި އެވެ.
މި ވަފުދުގެ ބޭފުން ރާއްޖެ ވަޑައިގެން އުޅުއްވަނީ ހަ ވަނަ "މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގް" ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް އާއި ވަފުދުގެ ބޭފުޅުން ވަނީ މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގްގެ އެޖެންޑާއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޔޫރަޕަށް ދަތުރުކުރާ ރާއްޖޭގެ ދަތުރުވެރިންނަށް ޝެންގެން ވިސާ ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމާ ބެހޭގޮތުންނާއި ރާއްޖޭގެ މަހުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓް ކުރުމުގައި ނަގާ ޓެރިފް ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
އީޔޫގެ ވަފުދުގެ ބޭފުޅުން ވަނީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަކީ މުހިންމު ދައުރެއް އަދާކުރާ ޤައުމެއްކަން ފާހަގަކުރައްވައި، ރާއްޖެއާ އިތުރަށް ގުޅުންބަދަހި ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
އެގޮތުން، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓައި ރާއްޖޭން އަދާކުރި އިސްދައުރު ވަފްދުގެ ބޭފުޅުން ފާހަގަކުރެއްވި އެވެ. އދ.ގެ ހިއުމަން ރައިޓްސް ކައުންސިލު ( ޔޫ.އެން.އެޗް.އާރު.ސީ) ގެ 2023-2025 ވަނަ ދައުރުގެ މެންބަރުކަން ރާއްޖެއިން ކާމިޔާބުކޮށްފައި ވާތީ އެކަން ފާހަގަކުރައްވައި އީޔޫގެ ވަފްދުގެ ބޭފުޅުން ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ވަފުދުގެ ބޭފުޅުން ވަނީ ޔޫ.އެން.އެޗް.އާރު.ސީ މެދުވެރިކޮށް ހުޅަނގުގެ ޤައުމުތަކާއި އޭޝިއާގެ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގައި ރާއްޖެއިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފަ އެވެ. އަދި ވަފްދުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި އީޔޫއާ ދެމެދުގައި އެކި ދާއިރާތަކުން އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވި އެވެ.
"ހަ ވަނަ މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގް" ބާއްވަނީ 23 ނޮވެންބަރު 2022 ގަ އެވެ.