ރާއްޖެ ބަނޑަށް ޖެހޭނެ އެއްވެސް ހާލަތެއް ނެތް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ބަޖެޓަށް ބަހުސް ކުރައްވަމުން އަސްލަމް ވިދާޅުވީ ބައެއް ފަރާތްތަކުން ރާއްޖެ ދަރަނިވެރިވާ ވާހަކަ އާއި ތެލާއި ކާބޯތަކެތި ގަންނަން ފައިސާ ނެތް ވާހަކަ ދައްކަމުންދާ ކަމަށާއި ނަމަވެސް އެއީ ބުހުތާނު ދޮގު ކަމަށެވެ. އެގޮތުން ރާއްޖެއިން ތެޔޮ ގަންނާނެ ކަމަށާއި ރާއްޖެ އަށް ބޭނުންވާ ކާބޯތަކެތި ވެސް ގެނެވޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ މިހާރު ވެސް ރިޒާވް ހަމަޖެއްސުމަށްޓަކައި 250 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް އެބައޮތް ކަމަށާއި އަދި މި އަހަރުގެ ތެރޭގައި ބަޖެޓު ސަޕޯޓުގެ ގޮތުގައި 200 މިލިއަން ޑޮލަރު ހޯދަން ސަރުކާރުން ބާރަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އެހެންކަމުން ރާއްޖެ ދަރަނިވެރިވެ ބަނގުރޫޓުވެ ބަނޑަށްޖެހޭނެ އެއްވެސް ހާލަތެއް ނެތް. އެއީ ބުހުތާން ދޮގު ވާހަކަ. އެއްގޮތަކީ އެނގިތިބެ ގޯހުން އެ ވާހަކަ ދައްކަނީ، އަނެއްގޮތަކީ އެއްގޮތަކަށް ވެސް ވާނުވާއެއް ނޭނގެނީ." އަސްލަމް ވިދާޅުވި އެވެ.
އަސްލަމް މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ ފޮރިން ކަރަންސީ ރިޒާވް ދަށް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ރާއްޖެ ބަނގުރޫޓުވުން ފަދަ ހާލަތަކަށް ދާއިރު މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަކީ ލަދުވެތިވާނެ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ރާއްޖެ ބަނގުރޫޓުވާ ވާހަކައަކީ ސިޔާސީ ބޭނުމަށް ދައްކާ ވާހަކައެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މި ވާހަކަ ދައްކަނީ ސަރުކާރުން މިހާތަނަށް ހޯދާފައިވާ ކުރިއެރުންތައް ކިލަނބުކޮށްލައި ފަނޑުކޮށްލުމަށް ކަމަށް އަމީރު ވިދާޅުވި އެވެ.