Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

އައްޑޫގެ މަޝްރޫއުތައް ލަސްވާތީ ކޮމިޓީއެއް

އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތައް ލަސްވެގެން ރައީސް އޮފީހުގައި ކޮމިޓީއެއް އުފައްދާފައިވާ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ބަޖެޓް ބަހުސްގައި ވާހަކަދައްކަމުން އަސްލަމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫގެ މަޝްރޫއުތައް ލަސްވާތީ ރައީސް އޮފީހުގައި ކޮމިޓީއެއް އުފައްދަވާފައިވާ ކަމަށާއި އޭގެ ފުރަތަމަ ބައްދަލުވުމުން މިހާރު ބާއްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި އައްޑޫ ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތައް ބައިވެރިވި ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި އެ ކޮމިޓީގެ ދެވަނަ ބައްދަލުވުން އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު އައްޑޫގެ ތަރައްގީ އަށް ފަސް ބިލިއަން ރުފިޔާ ހަރަދުވެގެންދާނެ ކަމަށެވެ. އަދި މިއީ މިހާތަނަށް އެއްވެސް ސަރުކާރަކަށް އައްޑޫ އަށް ކުރެވިފައިވާ ވަރުގެ ހަރަދެއް ނޫން ކަމަށް އަސްލަމް ވިދާޅުވި އެވެ.

އައްޑޫގެ މަގު ހެދުމުގެ ބޮޑު މަޝްރޫއެއް މިހާރު ހިނގަމުންދާއިރު އައްޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ މާޗު މަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.