Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

ބަޖެޓް ބަހުސް ނިންމާލައިފި

ރައްޔިތުންގެ މަޖިލިސް - ފޮޓޯ: މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަށް ބަހުސްކޮށް ނިންމާލައިފި އެވެ.

ބަޖެޓު ދިރާސާކުރުމަށްފަހު ކޮމިޓީން ހުށަހެޅި ރިޕޯޓަށް މެންބަރުން ބަހުސް ކުރަން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. ބަޖެޓަށް ޖުމްލަ 42 މެމްބަރަކު ވާހަކަދައްކާފައިވެ އެވެ.

ބަޖެޓަށް ވޯޓަށް އެހުން އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ ފަހުކޮޅު މަޖިލީހަށް ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ނަމަވެސް ބަޖެޓް ކޮމިޓީން ވަނީ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކުރަން ފާސްކޮށްފަ އެވެ. އެއާއެކު ބަޖެޓްގެ ޖުމްލަ އަދަދު ވަނީ 42.8 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

އެގޮތުން ބަޖެޓަށް އިތުރުކުރި ފައިސާގެ ތެރޭގައި ހިމެނެނީ އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓަށް 36 މިލިއަން ރުފިޔާ އަދި އަންނަ އަހަރު ހިންގުމަށް ކަނޑައަޅާފައިވާ ޕީއެސްއައިޕީ ޕްރޮގްރާމަށް އިތުރުކުރި 124 މިލިއަން ރުފިޔާ އެވެ.