Last Updated: December 6, 23:06
Wednesday, December 6, 2023
ކުޅިވަރު

ދަނޑު ސާފުކޮށް ޖަޕާން ސަޕޯޓަރުންގެ ރީތި ނަމޫނާއެއް

ފީފާ ވޯލްޑް ކަޕްގައި މިރޭ ޖަރުމަނު އަތުން 2-1 އިން ޖަޕާން މޮޅުވި މެޗަށްފަހު އެ ޓީމުގެ ސަޕޯޓަރުން ރީތި ނަމޫނާއެއް ދައްކައިފި އެވެ.

ޖަޕާން ރައްޔިތުންނަކީ ސާފުތާހިރު ކަމަށް ލޯބިކުރާ ބައެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ބައެއް ކަމަށްވާއިރު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުން ވެސް އެކަން ވަނީ ފެނިގެން ގޮސްފަ އެވެ. އެގޮތުން އެ މުބާރާތުގެ މެޗުތަކަށްފަހު ޖަޕާން ސަޕޯޓަރުން ސްޓޭޑިއަމް ދޫކޮށް ގޮސްފައިވަނީ ތިބި ސަރަހައްދު ރީތިކޮށް ސާފުކުރުމަށްފަހު އެވެ.

އެގޮތުން ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ވެސް ޖަޕާން ސަޕޯޓަރުންގެ ފަރާތުން މި މަންޒަރު ވަނީ ފެނިގެން ގޮސްފަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ގަތަރާއި އިކުއެޑޯ ކުޅުނު މެޗު ބަލަން ތިބި ޖަޕާން ސަޕޯޓަރުން ސްޓޭޑިއަމް ދޫކޮށްދިޔައީ އެމީހުން ތިބި ތަން ސާފުކުރުމަށްފަހު އެވެ. އަދި މިއަދު ޖަރުމަނު އަތުން ޖަޕާން މޮޅުވި މެޗަށްފަހު ވެސް ޖަޕާން ސަޕޯޓަރުންގެ ފަރާތުން މި ރީތި ނަމޫނާ ވަނީ ފެނިގެން ގޮސްފަ އެވެ.

ޖަޕާން ސަޕޯޓަރުން ވަނީ މިއަދުގެ މެޗަށްފަހު ސްޓޭޑިއަމަށް އެޅިފައި ހުރި ހުސްކުޅި ފުޅި އާއި ދަޅު އަދި ތަފާތު އެކި ކުނިތައް ކޮތަޅުތަކަށް އަޅައި ސާފުކޮށްފަ އެވެ. ޖަޕާން ސަޕޯޓަރުން މި މަސައްކަތް ކުރަމުންދިޔައިރު ސްޓޭޑިއަމްގެ ސެކިއުރިޓީންގެ ފަރާތުން ވެސް ފެނިގެންދިޔައީ ހިނިތުންވުމުގެ މަންޒަރެވެ. ޖަޕާން ސަޕޯޓަރުންނަށް ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން އަންނަނީ ތައުރީފް ކުރަމުންނެވެ.

ޖަޕާނުން މިއަދު ފަހަތުން އަރާ ޖަރުމަނު ބަލިކުރިއިރު، މިއީ ޖަޕާނުގެ ތާރީހުގައި ވެސް ޖަރުމަނުގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ފަހަތުން އަރައި ޖަޕާނުން ހޯދި ފުރަތަމަ މޮޅުވެސް މެ އެވެ.

މީގެއިތުރުން މިއީ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ޖަރުމަނު ޖެހިޖެހިގެން ބަލިވި ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ޖަރުމަނު ބަލިވީ މެކްސިކޯ އަތުން 1-0 އިންނެވެ.

ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ޖަޕާން ބައްދަލުކުރާނީ ކޮސްޓަރީކާއާ އެވެ. ޖަރުމަނު ނިކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.