Last Updated: December 6, 23:06
Wednesday, December 6, 2023
ކުޅިވަރު

މެޗު ޕްރިވިއު: ކެމަރޫން-ސްވިޒަލޭންޑް

ފީފާ ވޯލްޑް ކަޕުގެ ފަސްވަނަ ދުވަހުގެ މެޗުތައް މިއަދު ފަށާއިރު، އިއްޔެކޭ އެއްގޮތަށް މިއަދު ވެސް މުބާރާތުގައި ހަތަރު މެޗު ކުޅޭނެ އެވެ. މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ޖީގައި ހިމެނޭ ކެމަރޫން އާއި ސްވިޒަލޭންޑެވެ.

ސްވިޒަލޭންޑާއި ކެމަރޫން އަކީ ވޯލްޑް ކަޕަށް މުޅިން އާ ދެ ޓީމު ކަމަށް ނުވާއިރު މި ދެ ޓީމު މިފަހަރު ލައްވާލާފައިވަނީ ވާދަވެރި ގްރޫޕެއްގަ އެވެ. އެގޮތުން މި ގްރޫޕްގައި ދެން ހިމެނޭ އަނެއް ދެ ޓީމަކީ ދެކުނު އެމެރިކާގެ ގަދަ ބާރު ބްރެޒިލް އަދި ސާބިޔާ އެވެ.

ކެމަރޫންއާ ހިލާފަށް ސްވިޒަލޭންޑަކީ ބޮޑެތި މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުންދާ ޓީމެވެ. އެގޮތުން އެންމެފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލަށް އެޓީމު ދަތުރުކޮށްފައިވެ އެވެ. ސްވިޒަލޭންޑް އެ މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރީ އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަނުން ކަމަށްވާ ފްރާންސް ބަލިކުރުމަށްފަހު އެވެ. އަދި ސްވިޒަލޭންޑުން ވަނީ އެންމެފަހުން ވޯލްޑް ކަޕްގައި ކުޅުނު ހަތަރު ފަހަރުގެ ތެރެއިން ތިން ފަހަރު މުބާރާތުގެ ދެވަނަ ބުރަށް ވެސް ދަތުރުކޮށްފަ އެވެ.

އެފްރިކާގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ކެމަރޫން އަށް އެންމެފަހުން އަމިއްލަ ގައުމުގައި ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސް މުބާރާތުން ލިބުނީ ތިންވަނަ އެވެ. ވޯލްޑް ކަޕްގައި މާ ރަނގަޅު ނަތީޖާތަކެއް ކެމަރޫން އަށް ނެރެވިފައި ނުވާއިރު މުބާރާތަށް އެޓީމު ކޮލިފައިވީ އަލްޖީރިޔާ ބަލިކުރުމަށްފަހު އެވެ. ތަޖުރިބާކާރު ކުޅުންތެެރިންގެ މައްޗަށް އެކުލެވޭ ސްކޮޑަކާއެކު ކެމަރޫން މި މުބާރާތަށް ނިކުންނައިރު އެޓީމު އެންމެފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.

ސްވިޒަލޭންޑް

މިއީ ސްވިޒަލޭންޑުން ވާދަކުރާ 12 ވަނަ ވޯލްޑް ކަޕެވެ. މި މުބާރާތަށް ސްވިޒަލޭންޑް ކޮލިފައިވީ އެންމެފަހުގެ ޔޫރަޕްގެ ޗެމްޕިއަނުން ކަމަށްވާ އިޓަލީ ފަހަތަށް ޖައްސާލުމަށްފަހު ގްރޫޕްގެ އެއްވަނަ ހޯދައިގެންނެވެ. މިއީ ވޯލްޑް ކަޕްގައި ސްވިޒަލޭންޑުން ޖެހިޖެހިގެން ވާދަކުރާ ފަސްވަނަ ފަހަރެވެ.

ސްވިޒަލޭންޑުން އެންމެފަހުން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ބަލިވެފައިވަނީ 1966 ވަނަ އަހަރު އެވެ. އެފަހަރު ސްވިޒަލޭންޑް ބަލިވީ ޖަރުމަނު އަތުން 5-0 އިންނެވެ.

މި މެޗަށް ނިކުންނައިރު އަނިޔާގައި ތިބި ސްވިޒަލޭންޑްގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ރިކާޑޯ ރޮޑްރިގޭޒް އާއި ގޯލްކީޕަރު، ޔާން ސޮމާ ވަނީ ފިޓްވެފަ އެވެ.

ކެމަރޫން

މިއީ ކެމަރޫން އިން ވޯލްޑް ކަޕްގައި ވާދަކުރާ 8 ވަނަ ފަހަރެވެ. ކެމަރޫން އަކީ ވޯލްޑް ކަޕަށް އެންމެ ގިނައިން ކޮލިފައިވި އަދި އެންމެ ގިނަ މެޗު ވެސް ވޯލްޑް ކަޕްގައި ކުޅެފައިވާ އެފްރިކާގެ ޓީމެވެ. އެއީ 23 މެޗެވެ. އަދި ކެމަރޫން އަކީ ވޯލްޑް ކަޕްގައި ދެވަނަ އަށް އެންމެ ގިނަ ގޯލް ޖެހި އެފްރިކާގެ ޓީމެވެ. އެއީ 18 ގޯލެވެ. އެންމެ ގިނަ ގޯލް ވޯލްޑް ކަޕްގައި ޖެހި އެފްރިކާގެ ޓީމަކީ ނައިޖީރިޔާ އެވެ. ނައިޖީރިޔާ ވަނީ 23 ގޯލް ކާމިޔާބުކޮށްފަ އެވެ.

ވޯލްޑް ކަޕްގައި ކެމަރޫން އިން އެންމެފަހުން ކުޅުނު ހަތް މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ވޯލްޑް ކަޕްގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން ބަލިވި ޓީމަކީ މެކްސިކޯ އެވެ. އެއީ 9 މެޗެވެ.

މި މެޗަށް ނިކުންނަ އިރު ކެމަރޫންގެ ހުނަރުވެރި މިޑްފީލްޑަރު އަންގުއިސާ އަށް އަނިޔާގެ ސަބަބުން ކުޅެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

މި މެޗަކީ މި ދެ ޓީމު ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ބައްދަލުކުރާ ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެ އެވެ. ކެމަރޫން އާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން މެންދުރު ފަހު 3:00 ގަ އެވެ.