މިފަހަރުގެ ވޯލްޑް ކަޕުން ފެންނާނީ ތަފާތު ނޭމާ އެއް ކަމަށް ބްރެޒިލްގެ ކެޕްޓަން ތިއާގޯ ސިލްވާ ބުނެފި އެވެ.
އަނިޔާގެ ސަބަބުން ނޭމާ އަށް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީފައިނަލްގައި ނުކުޅެވުނުއިރު އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި އޭނާ ކުޅުނީ މުޅިން ފިޓްކޮށް ހުރެއެއް ނޫނެވެ.
ވޯލްޑް ކަޕާ ކުރިމަތިލާއިރު ނޭމާ މިވަގުތު ހުރީ ރަނގަޅު ފޯމެއްގަ އެވެ. އެގޮތުން ޕީއެސްޖީ އަށް މި ސީޒަނުގައި ކުޅެދިން 20 މެޗުގައި އޭނާ ވަނީ 15 ގޯލް ކާމިޔާބުކޮށްފަ އެވެ.
ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބްރެޒިލް އިން މިރޭ ސާބިޔާއާ ދެކޮޅަށް ނިކުންނައިރު ސިލްވާ ބުނީ ނޭމާ މިވަގުތު ހުރީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށާއި ފާއިތުވި ދެ މުބާރާތާ ހިލާފަށް މި މުބާރާތަށް އޭނާ ތައްޔާރުވި ގޮތް ވެސް ތަފާތު ކަމަށެވެ.
"2014 ވަނަ އަހަރުގެ މުބާރާތުގައި ނޭމާ އަށް އަނިޔާވީ ރަނގަޅަށް ކުޅެމުންދަނިކޮށް. އަދި އެންމެފަހުން ބޭއްވި މުބާރާތަށް ނޭމާ އައީ އެހާ ގިނަ މެޗުތަކެއް ވެސް ނުކުޅެ ތަފާތު ގޮތަކަށް. އެކަމަކު މިފަހަރު ހުރިހާ ކަމެއް ވެސް ތަފާތު." ސިލްވާ ބުންޏެވެ.
ސިލްވާ ބުނީ މިފަހަރު އޭނާ މުބާރާތާއި ކުރިމަތިލަނީ އަނިޔާގެ އަދި ފިޓްނެސްގެ އެއްވެސް ކަންބޮޑުވުމެއް ނެތި ކަމަށެވެ. އެ ކަންބޮޑުވުމުން ނެތުމުން މިހާރު ފެނިގެންދަނީ ތަފާތު އަދި މޮޅު ނޭމާއެއް ކަމަށްވެސް ސިލްވާ ބުންޏެވެ.
ނޭމާ ،30، ފާއިތުވި ދެ ވޯލްޑް ކަޕްގައި ވެސް ކުޅެފައިވާއިރު އޭނާ އަށް ބްރެޒިލްގެ ގައުމީ ޓީމާއެކު މިހާތަނަށް ބޮޑު ކާމިޔާބީއެއް ހާސިލުކުރެވިފައެއް ނުވެ އެވެ.
ބްރެޒިލް އާއި ސާބިޔާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.