Last Updated: June 2, 18:56
Monday, June 2, 2025
ކުޅިވަރު

ފީފާ އަށް އަހަރަމެންގެ އަޑު ކަނޑުވައެއް ނުލެވޭނެ

ފީފާ އަށް ޖަރުމަނު ޓީމުގެ އަޑު ކަނޑުވާ ނުލެވޭނެ ކަމަށް އެޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު މެނުއަލް ނޯޔާ ބުނެފި އެވެ.

ވޯލްޑް ކަޕްގައި ޔޫރަޕްގެ ހަތް ޓީމަކުން "ވަންލަވް" ރެއިންބޯ ކެޕްޓަން ބޭންޑް ބޭނުން ކުރުމަށް ނިންމި ނަމަވެސް ފީފާ އިން ދީފާނެ އަދަބެއްގެ ސަބަބުން އެޓީމުތަކުން ފަހުން ވަނީ އެ ބޭންޑް ނާޅަން ނިންމާފަ އެވެ. ބޭންޑް އަޅަން ނިންމި ހަތް ޓީމަކީ އިންގްލެންޑް، ވޭލްސް، ބެލްޖިއަމް، ޑެންމާކް، ނެދަލޭންޑްސް، ޖަރުމަނު އަދި ސްވިޒަލޭންޑެވެ.

މި ކެޕްޓަން ބޭންޑް ޔޫރަޕްގެ ބައެއް ގައުމުތަކުން އެޅުމަށް ނިންމީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ހައްގުތަކާއި މެދު ގަތަރުން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

އެ ބޭންޑް ނޭޅޭތީ ޖަރުމަނުން އިއްޔެ ޖަޕާނާއި ދެކޮޅަށް ކުޅުނު މެޗު ފެށުމުގެ ކުރިން ވަނީ އަނގަމަތީގައި އަތް އަޅައިގެން ތިބެ ހަޅުތާލުކޮށްފަ އެވެ. އިއްޔެގެ މެޗުން ޖަރުމަނު ވަނީ 2-1 އިން ބަލިވެފަ އެވެ.

ޖަރުމަނުގެ ކެޕްޓަން ނޯޔާ ބުނީ ފީފާ އަށް އެ ބޭންޑް އަތުލެވިދާނެ ކަމަށާއި ނަމަވެސް ފީފާ އިން ކިތަންމެ ބޭނުންވިޔަސް އެމީހުންގެ އަޑު ކަނޑުވާ ނުލެވޭނެ ކަމަށެވެ. އަދި އިންސާނީ ހައްގުތަކުގެ ދިފާއުގައި ޖަރުމަނުން އަބަދުވެސް ތެދުވާނެ ކަމަށާއި އިއްޔެގެ މެޗު ފެށުމުގެ ކުރިން ދައްކަން ބޭނުންވީ ވެސް އެކަން ކަމަށް ނޯޔާ ބުންޏެވެ.

"އެއީ ހުރިހާ ކުޅުންތެރިންގެ މެދުގައި ވާހަކަ ދެކެވި، އެއްބަސްވެގެން ކުރި ކަމެއް." ނޯޔާ ބުންޏެވެ.

އެއް ޖިންސުން ގުޅުން ހިންގުމަކީ ހައްގެއް ކަމަށް ބުނެ ވޯލްޑް ކަޕްގައި ވާދަކުރާ ބައެއް ޓީމުތަަކުން ފީފާއާ ދެކޮޅަށް ނިކުމެފައިވާއިރު އެއް ޖިންސުން ގުޅުން ހިންގުމާއި އެކަމަށް ހިތްވަަރު ދިނުމަކީ ގަތަރުގެ ގާނޫނުތަކުން މަނާ ކަމެކެވެ.