Last Updated: July 5, 20:34
Sunday, July 6, 2025
ޚަބަރު

އައްޑު އަށް ފަސް ބިލިއަން ހޭދަކުރާނެ

މި ދައުރު ނިމޭއިރު ސަރުކާރުން އައްޑޫ ސިޓީގެ ތަރައްގީ އަށް ފަސް ބިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން އަސްލަމް ވިދާޅުވީ އައްޑު އަށް އެއްވެސް ކަމެއް ނުވާ ކަމަށް ބައެއް މެމްބަރުން ބުނާ ކަމަށާއި ނަމަވެސް ޕްލޭނިން މިނިސްޓްރީން އައްޑޫގެ ތަރައްގީ އަށް ހިންގާ ޕްރޮޖެކްޓުތަކަށް އެކަނި ވެސް 3.1 ބިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ.

"މި ދެންނެވީ އަދި ސިއްހީ ހިދުމަތްތަކާއި، ހޮސްޕިޓަލަށް ކުރެވޭ ހަރަދާއި، ތައުލީމަށް ކުރެވޭ ހަރަދާއި އަދި އެހެނިހެން އެތައް ހަރަދެއް ނުހިމަނާ. ޖުމްލަ މި ފަސް އަހަރު ނިމިގެންދާއިރު ފަސް ބިލިއަން ރުފިޔާ ހަރަދުވެގެންދާނެ އައްޑޫގެ ތަރައްގީ އަށް." އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އައްޑޫގެ ތަރައްގީ އަށް މި އަދަދާއި ގާތްކުރާ ވަރަށް ވެސް އެހެން ސަރުކާރަކަށް ހަރަދު ކުރެވިފައި ނުވާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ވާހަކަދައްކަނީ ކަންކަން ނުބަލައި ހަގީގަތް އޮޅުވާލުމުގެ ބޭނުމުގައި ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

އައްޑޫގެ މަގު ހެދުމުގެ ބޮޑު މަޝްރޫއެއް މިހާރު ހިނގަމުންދާއިރު އައްޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ މާޗު މަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.