Last Updated: December 6, 23:06
Wednesday, December 6, 2023
ޚަބަރު

އޮތް ހަމައެކަނި ޗޮއިސް އަކީ ރައީސް ސޯލިހް

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން - ފޮޓޯ: މަޖިލިސް

ރައްޔިތުންނަށް އޮތް ހަމައެކަނި ޗޮއިސަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ވިލިނގިލީ ދާއިރާގެ އެމްޑީޕީ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.

ބަޖެޓަށް ބަހުސް ކުރައްވަމުން ސައުދު ވިދާޅުވީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވުނު ކުރިން ރާއްޖޭގައި އޮތީ ނާމާން ދުވަސްތަކެއް ކަމަށާއި ދައުލަތުގެ ހުރިހާ ބާރުތަކެއް އޮތީ އެކެއްގެ މުށުތެރެއަށްލާ ބަންދުކޮށްފައި ކަމަށެވެ. އަދުލު އިންސާފުގެ ދާއިރާ އޮތީ ބޭއިންސާފުގެ އަނދަވަޅަކަށް ވެއްޓިފައި ކަމަށާއި ނަމަވެސް މިއަދު ދައުލަތެއް އޮތުމުގެ އިހުސާސް ރައްޔިތުން ކުރަމުންދާ ކަމަށް ސައުދު ވިދާޅުވި އެވެ.

"އިންސާނީ ހައްގުތައް މިވަރަށް ކަށަވަރުކޮށްދެއްވި ސަރުކާރެއް އެބައޮތްތޯ؟ އެމްޑީޕީން ވަކާލާތު ކުރި ޑިމޮކްރެސީއާ އެއްގޮތަށް ދައުލަތެއް ހިންގި ސަރުކާރެއް އެބައޮތްތޯ؟ ނެތް." ސައުދު ވިދާޅުވި އެވެ.

އެމްޑީޕީން އެންމެ ބޮޑަށް ވަކާލާތު ކުރަނީ އަދުލު އިންސާފަށް ކަމަށާއި މިއީ ރާއްޖޭގައި ބާރުތައް ވަކިވެފައި އަދުލު އިންސާފު ރާއްޖޭގައި ގާއިމުކުރި ހަމައެކަނި ސަރުކާރު ކަމަށްވެސް ސައުދު ވިދާޅުވި އެވެ.

"އެހެންވީމަ ދިވެހި ރައްޔިތުންނަށް އޮތް ހަމައެކަނި ޗޮއިސަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް." ސައުދުު ވިދާޅުވި އެވެ.

ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ރައީސް ސޯލިހު މީގެކުރިން ފާޅުކުރައްވާފައިވާއިރު އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ޕްރައިމަރީއަކުންނެވެ. އެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މީގެކުރިން ވަނީ އިއުލާންކުރައްވާފަ އެވެ.

ނަމަވެސް ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއް އެމްޑީޕީން އަދި މިހާތަނަށް އިއުލާންކޮށްފައެއް ނުވެ އެވެ.