Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

"ގަލޮޅު މީހާ" ގެ އުއްމީދު ގެއްލުނަސް ދެރައެއް ނުވޭ

މި ސަރުކާރުން ރާއްޖެތެރޭގެ ރަށްތަކަށް ކުރަމުންދާ ކަންކަމުގެ ސަބަބުން "ގަލޮޅު މީހާ" ގެ އުއްމީދު ގެއްލުނަސް ދެރަ ނުވާ ކަމަށް ވިދާޅުވެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަށް، ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިސްމާއީލް އަހުމަދު ރައްދު ދެއްވައިފި އެވެ.

ބަޖެޓަށް އިއްޔެ ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާ އީވާ ވަނީ ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުކުރައްވާފަ އެވެ. އެގޮތުން ވެރިރަށް މާލޭގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ސަރުކާރުން ނުފުއްދަވާ ކަމަށާއި ބޯހިޔާވަހިކަމުގެ ވައުދަކީ "އުއްމީދީ ބަޖެޓޭ" ކިޔައިގެން ފުއްދޭނެ އެއްޗެއް ނޫން ކަމަށް އީވާ ވިދާޅުވި އެވެ.

"މި ވަރަށް މާލެ ބާކީ ކޮށްފައި އެ ބުނަނީ މާލެއާ ނުލާ ވެރިކަން ކުރަންށޭ މިއުޅެނީ. ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތެއް ނުކުރާނަމޭ ބުނަންޏާ ހަމަ މާލޭ ބޯހިޔާވަހިކަން ވެސް ހިމަނަންޖެހޭ." އީވާ ވިދާޅުވި އެވެ.

އީވާގެ ވާހަކަތަކަށް ރައްދު ދެއްވަމުން އިއްސެ ވިދާޅުވީ މި ސަރުކާރުން ދުވާފަރާއި އަދި ރާއްޖޭގެ އެހެން ރަށްތަކަށް ވެސް ތަރައްގީ ގެންނަމުންދާ ކަމަށާއި މި ކަންކަމަށް "ގަލޮޅު" މީހާގެ އުއްމީދު ގެއްލުނު ވާހަކަ ވިދާޅުވުމުން އެކަމާ ދެރަ ނުވާ ކަމަށެވެ.

"ރާއްޖެތެރެއަށް ފުރަތަމަ ފަހަރަށް އެތެރޭގެ އިންތިހާބަކަށް ދިޔަ މީހާ އުއްމީދު ގެއްލުނު ވާހަކަ ބުނީމަ އަޅުގަނޑުމެން އާޝޯހެއް ނުވޭ. އަޅުގަނޑުމެން ދެރައެއް ނުވޭ، ކަޑައެއް ނުވޭ." އިއްސެ ވިދާޅުވި އެވެ.

މީގެއިތުރުން ސިޔާސީ ބޭނުމަށް އުއްމީދު އުފެއްދި އަދި "ސަޅި ބައިސާ" ކެނޑި ބައެއްގެ އުއްމީދެއް ހަގީގަތުގައި ވެސް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ ތެރޭގައި ރައީސް ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ފެކްޝަނެއް އުފެދިފައިވާއިރު ބަޖެޓް ބަހުސްގެ ތެރެއިން ވެސް ދެ ފެކްޝަނުން ބަހުގެ ހޫނު ހަމަލާތަކެއް ވެސް ބަދަލުކޮށްފަ އެވެ.