Last Updated: December 6, 23:06
Wednesday, December 6, 2023
މުނިފޫހިފިލުވުން

އެކްޓަރު ވިކްރަމް މަރުވެއްޖެ

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ހަމް ދިލް ދޭ ޗުކޭ ސަނަމް" ފަދަ ކާމިޔާބު އެތައް ފިލްމެއްގައި މަސައްކަތްކޮށްފައިވާ އިންޑިއާގެ އެކްޓަރު ވިކްރަމް ގޮކާލޭ މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ 82 އަހަރުގެ އެކްޓަރު ރޭ މެންދަމު މަރުވީ ހާލު ވަރަށް ބޮޑަށް ދެރަވެގެން ޕޫނޭ ދީނާނާތު މަންގޭޝްކަރް ހޮސްޕިޓަލުގައި އިއްޔެގެ ވަގުތެއްގައި އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ރޭ ކަމަށެވެ. ވިކްރަމްގެ މަރާ ގުޅިގެން ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށް އޭނަގެ ހަނދާންތައް އާކުރަމުންނެވެ.

ޕޫނޭ އަށް އުފަން ވިކްރަމަކީ 2013 ގެ މަރާޓީ ފިލްމު "އަނޫމަތީ" އިން އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ލިބިފައިވާ ފެންނާނެކެވެ.

އޭނަގެ ކެރިއަރުގައި ވަރަށް ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އިރު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ޖޫންގައި ރިލީޒްކުރި ޝިލްޕާ ޝެޓީގެ "ނިކައްމާ" އިންނެވެ.

ވިކްރަމް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ހުދާ ގަވާ"، "ބޫލް ބުލައްޔާ"، "އަގްނީޕަތު"، "ތުމް ބިން" އަދި "ހިޗްކީ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ. ވިކްރަމް ފިލްމެއް ޑައިރެކްޓް ވެސް ކޮށްފައިވެ އެވެ. އެއީ އޭނަ މުހިއްމު ރޯލެއް ވެސް ކުޅުނު 2010 ގެ "އާގާތު" އެވެ.

ވިކްރަމް އަކީ ދެ ކުދިންގެ ބައްޕައެކެވެ.