Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ގަން އެއާޕޯޓުން އޯޕަން ޑޭއެއް

އެމްއެންޔޫގެ "ފަހި ފުރުސަތު" ޖޮބް ފެއާގައި ގަން އެއާޕޯޓް.

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ލިބެން ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫމާތު ދޭން އޯޕަން ޑޭއެއް ބާއްވަން ނިންމައިފި އެވެ.

މި މަހުގެ 29 ގައި އެ އިވެންޓް ބާއްވަން ހަމަޖެހިފައި ވަނީ ގަމުގެ އީކްއޭޓަ ވިލެޖްގެ ބްލޫ ލެގޫން ހޯލްގަ އެވެ. އެ ދުވަހު އޯޕަން ޑޭ ކުރިއަށް ދާނީ ހެނދުނު 9:00 އިން 12:00 އަށް މެންދުރު ފަހު 1:00 އިން 5:00 އަށް އަދި ރޭގަނޑު 7:00 އިން 10:00 އަށެވެ.

މި އޯޕަން ޑޭގައި ވަޒީފާތަކަށް އެޕްލައިކުރަން ބޭނުންވާ މީހުންނަށް ވަގުތުން އިންޓަވިއުކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. އެހެންވެ އިވެންޓަށް ދާ އިރު ސީވީ ހިފައިގެން ދާން ގަން އެއާޕޯޓް ހިންގާ ކުންފުނި، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އިން އެދިފައިވެ އެވެ.

ގަން އެއާޕޯޓްގައި ހުރި ވަޒީފާގެ ފުރުސަތުތައް ލިބެން ހުރި ދާއިރާތަކުގެ ތެރޭގައި އައިޓީ އޮފިސާ، ކާގޯ ހޭންޑްލާ، ފަޔަ ފައިޓާ، ރޭމްޕް އޮފިސާ، ރޭމްޕް ހޭންޑްލާ، ވެހިކަލް އޮޕަރޭޓާ (އެއާސައިޑް)، ޕެސެންޖަ ސާވިސް އޮފިސާ އަދި ކަސްޓަމާ ރިލޭޝަން އޮފިސާ ހިމެނެ އެވެ.

ގަން އެއާޕޯޓުން އޯޕަން ޑޭއެއް ބާއްވަން ނިންމި އިރު މި މަހުގެ 9 އާއި 10 ގައި ގައުމީ ޔުނިވަސިޓީގެ ހިތަދޫ ކެމްޕަނުގައި ކުރިއަށް ގެންދިޔަ "ފަހި ފުރުސަތު" ޖޮބް ފެއާގައި ވެސް އެ އެއާޕޯޓުން ބައިވެރިވެ ފުރުސަތުތަކާ ބެހޭ މައުލޫމާތުތައް ދީފައިވެ އެވެ.