Last Updated: April 25, 21:20
Thursday, April 25, 2024
ރިޕޯޓް

ލޮނު؛ ދުވާލަކަށް ކިހާ ވަރެއް؟

ލޮނާ ނުލައި ކާތަކެތި ސުލްހަ ނުވިޔަސް ލޮނު ބޭނުން ކުރަން ވާނީ ވަރަށް ކޮންޓްރޯލްކޮށްގެންނެވެ. ހަކުރާ އެއްގޮތަށް ލޮނު ވެސް ވަރަށް ބަލައިގެން ބޭނުން ނުކުރާ ސިއްހީ އެތައް މައްސަލައެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ އެންމެ ބޮޑު ސުވާލަކީ ލޮނު ބޭނުން ކުރަންވީ ކިހާ ވަރަކަށް ހެއްޔޭ އެވެ؟

ފާހަގަކޮށްލަން ޖެހޭ ކަމަކީ މިއީ އަދިވެސް މުޅިއަކުން ނިމުމެއް ނާންނަ ބަހުސެއްކަމެވެ.

ފަހުގެ ދިރާސާއެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ދުވާލެއްގެ މައްޗަށް ބޭނުން ކުރެވޭ ލޮނުގެ މިންވަރު އެންމެ މަތިވެގެން ވެސް ބަހައްޓަން ވާނީ 5 ގްރާމްގަ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅާފައިވާ މިންގަނޑަށް ބަލާ އިރު ދުވާލަކަށް ހަށިގަނޑަށް އެތެރޭ ކުރެވޭ ލޮނުގެ މިންވަރު ބަހައްޓަން ވާނީ 5 ގްރާމަށް ވުރެ ދަށުގަ އެވެ.

ލޮނާ ގުޅޭ ގޮތުން ދަ ލެންސިޓް ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ދުވާލަކު ބޭނުންކުރާ ލޮނުގެ މިންވަރު 6 ގްރާމަށް ވުރެ އިތުރުކޮށްގެން ނުވާނެ އެވެ. އޭގައި ބުނި ގޮތުގައި ލޮނު ބޭނުންކުރާ މިންވަރު އިތުރުވުމަކީ ލޭގެ ޕްރެޝަރު މަތިވެ، ހާޓްއެޓޭކާއި ސްޓްރޯކް ޖެހުމަށް މަގުފަހިވާނެ ކަމެކެވެ. އަދި ލޮނަކީ ކިޑްނީގެ މައްސަލަތައް ހުންނަ މީހުން ވެސް ފަރުވާތެރިވާން ޖެހޭ އެއްޗެޖެވެ.

ދިރާސާގައި ބުނެފައި ވަނީ ދުވާލަކު 5 ގްރާމަށް ވުރެ މަދުން ލޮނު ބޭނުން ކުރުމަކީ ވެސް ހިތުގެ ތަފާތު މައްސަލަތަކަށް މީހާ ހުށަހެޅި ދާނެ ކަމެކެވެ. އެހެންވެ ސަމާލުކަން ދޭންވީ ކަމަކީ ލޮނު ބޭނުން ކުރެވޭ މިންވަރު ބެލެންސް ކުރުމެވެ.

ކެނެޑާގެ މެކްމާސްޓާ ޔުނިވަސިޓީގެ ޕްރޮފެސަރު އެންޑްރޫ މެންޓޭ ވިދާޅުވި ގޮތުގައި އިންސާނާގެ ހަށިގަނޑަށް ސޯޑިއަމަކީ ވަރަށް މުހިއްމު މާއްދާއެކެވެ. އެގޮތުން ލޮނުން ހަށިގަނޑަށް ލިއްބައިދޭ ސޯޑިއަމަކީ މީހާގެ ސިއްހަތާ ވަރަށް ބޮޑަށް ގުޅުން ހުރި އެއްޗެއް ކަމަށް ވިދާޅުވި އެވެ.

"މާނައަކީ ސޯޑިއަމް [ލޮނު] ބޭނުން ކުރާ މިންވަރު ބެލެންސް ކުރެވޭ މިންވަރެއްގައި ހިފަހެއްޓުމަކީ ހިތުގެ މައްސަލަތަކުން ރައްކާތެރިކޮށް ދޭނެ ކަމެކޭ،" އޭނާ ވިދާޅުވި އެވެ. "މާ ގިނައިން ސޯޑިއަމް ބޭނުން ކުރެވޭ ނަމަ ހިތުގެ މައްސަލަތައް ކުރިމަތިވުމުގެ ބިރު އެބައޮތޭ."

އެންޑްރޫ ވިދާޅުވި ގޮތުގައި ލޮނު ބޭނުން ކުރާ މިންވަރު މާ ބޮޑަށް ދަށްވުމަކީ ލޭގެ ޕްރެޝަރު ދަށްވެ، ސިއްހީ ތަފާތު މައްސަލަތައް ކުރިމަތި ކުރުވާނެ ކަމެކެވެ. ދިރާސާގައި ބުނީ ލޮނު ބޭނުން ކުރެވޭ މިންވަރު އިތުރުވެގެން އެންމެ އާންމުކޮށް ދިމާވާ މައްސަލައަކީ ސްޓްރޯކް ޖެހުން ކަމަށެވެ.

އެހެންވެ ހިތަށް ދިމާވާ މައްސަލަތަކުން ރައްކާތެރިވެވޭނެ އެއް ގޮތަކީ ޕޮޓޭސިމް އެކުލެވޭ ބާވަތްތައް ވެސް ކާން އާދަ ކުރުމެވެ. އެގޮތުން ތަރުކާރީ އާއި މޭވާ އާއި ނަޓްސްގެ ބާވަތްތައް ކެއުމުގައި ހިމެނުން މުހިއްމު ކަމަށް ފާހަގަކޮށްފައިވެ އެވެ.

ލަންޑަންގެ ކިންގްސް ކޮލެޖްގެ ނިއުޓްރިޝަނާއި ޑައެޓިކްސްއާ ބެހޭ ޕްރޮފެސަރު ޓޮމް ސެންޑާޒް ވިދާޅުވި ގޮތުގައި ލޮނު ބޭނުން ކުރުމާ ބެހޭ ބަހުސަށް މި ވަގުތު އޮތް އެންމެ ރައްކާތެރި ހައްލަކީ ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ މިންވަރަށް ވުރެ ލޮނު ބޭނުން ކުރާ މިންވަރު ދުވާލެއްގެ މައްޗަށް އިތުރު ނުކުރުމެވެ.