ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލްގެ ޑޮކިއުމަންޓަރީ ސީރީޒް އަންނަ މަހުގެ 8 ގައި ޕްރީމިއާކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
"ޗެޕްޓާސް: ފޯކަސަސް އޮން މޭގަން އެންޑް ހެރީސް އެންޑޫރިން ލަވް ސްޓޯރީ" ގެ ނަމުގައި ގެނެސްދޭން ހަމަޖެހިފައިވާ މި ޑޮކިއުސީރީޒަކީ ނެޓްފްލިކްސްއާ ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވާ އެއްޗެކެވެ. ހެރީ އާއި މޭގަން ވަނީ 2020 ގައި ނެޓްފްލިކްސްއާ އެކީ ބޮޑު އެއްބަސްވުމެއް ހައްދަވައިފަ އެވެ. އެއީ ތަފާތު އެކި ކަހަލަ ކޮންޓެންޓްތައް ގެނެސްދިނުމުގެ ގޮތުންނެވެ.
ދެ ކަނބަލުންގެ ޑޮކިއުސީރީޒަކީ އެ އެއްބަސްވުމުގެ ދަށުން ގެނެސްދޭން ނިންމާފައިވާ ދެ ބޭފުޅުންގެ ހަޔާތާ ބެހޭ ފުރަތަމަ ޑޮކިއުސީރެވެ.
މީގައި އެ ބޭފުޅުންގެ ލޯބި އުފެދިގެން އައި ގޮތާއި އެ ގުޅުން ކައިވެންޏާ ހަމައަށް ދިޔަ ގޮތާއި އިނގިރޭސި ޝާހީ އާއިލާގެ ތެރެއަށް މޭގަން ވެންނެވުމާއި ފަހުން ދެ ބޭފުޅުން ޝާހީ އާއިލާ އާއި ޝާހީ އާއިލާގެ ޒިންމާތައް ވެސް ދޫކޮށްލައްވައި އެމެރިކާ އަށް ދިރިއުޅުން ބަދަލުކުރެއްވުމާއި އޭގެ ފަހުން ހަޔާތަށް އައި ބޮޑެތި ބަދަލުތައް ޑޮކިއުސީރީޒް ދައްކުވައި ދޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީގެ ޓްރެއިލާ ނެރޭނެ އިރަކަށް ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ އިންތިޒާކުރަމުންނެވެ.
ހެރީ އަކީ އިނގިރޭސިވިލާތުގެ ތަހުތާ ސެޕްޓެމްބަރު މަހު ހަވާލުވެވަޑައިގަތް ރަސްގެފާނު ޗާލްސްގެ އާއި މީގެ 25 އަހަރު ކުރިން އަވަހަރާވެފައިވާ ޕްރިސެސް ޑަޔާނާގެ ހަގު ދަރިކަލުންނެވެ. ކުރިން ހޮލީވުޑްގެ ބަތަލާއެއްގެ ގޮތުގައި މަސައްކަތްކުރެއްވި މޭގަން އާއި ހެރީ ކައިވެނި ބައްލަވައިގަތީ 2018 ގަ އެވެ. އެ ކައިވެންޏަށް ދެ ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ.