Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

50ރ. ގެ އާ ނޫޓް އަންނަ މަހު ބޭނުން ކުރަނީ

އަލަށް ތައާރަފުކުރި ދިވެހި ރުފިޔާގެ ނިޝާނާ އެކީ ޗާޕްކޮށްގެން ފުރަތަމަ ބޭނުން ކުރަން ނިންމާފައިވާ 50ރ. ގެ އާ ނޫޓް އަންނަ މަހު ރަސްމީކޮށް ބޭނުން ކުރަން ނިންމާފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މި ނޫޓް މަރުކަޒީ ބޭންކުން ދައްކައިލީ މި މަހުގެ 13 ގަ އެވެ. އެގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައި ވަނީ ނޫޓުގެ މޫނުމަތީގެ ވައާތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާ އެކީ އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނުމަތީ އަގާ އެކީގަ އެވެ. ނޫޓުގައި ސޮއިކޮށްފައި ވަނީ އެމްއެމްއޭގެ މިހާރުގެ ގަވަނަރު އަލީ ހާޝިމެވެ. މި ނޫޓުގައިވާ ތާރީހަކީ ސެޕްޓެމްބަރު 8، 2022، ސަފަރު 12، 1444 އެވެ.

އެމްއެމްއޭ އިން ބުނީ 50ރ. ގެ އާ ނޫޓް އަންނަ މަހުގެ ތެރޭގައި އިގުތިސާދުގެ ތެރެއަށް ދޫކޮށްލާ އިރު، މިހާރު ބޭނުން ކުރަމުން އަންނަ 50ރ. ގެ ނޫޓް ވެސް ދައުރުވަމުން ދާނެ ކަމަށެވެ.

ރާއްޖޭގައި 2016 އިން ފެށިގެން ސެކިއުރިޓީ ގޮތުން ވެސް ވަރުގަދަ ޕޮލިމާ ނޫޓް ބޭނުން ކުރަމުން އަންނަ އިރު، ދިވެހި ރުފިޔާ ރަމްޒުކޮށްދޭ ނިޝާން ތައާރަފުކުރީ މި އަހަރުގެ ޖުލައި މަހު އެވެ.