އަކްޝޭ ކުމާރު މުހިއްމު ރޯލެއް ކުޅެމުން އައި "ހީރާ ޕޭރީ" ގެ ތިން ވަނަ ބައި ދޫކޮށްލައި އާ ފިލްމަކަށް އަނެއްކާ ވެސް ސޮއިކޮށްފި އެވެ.
މި ފިލްމަކީ މިދިޔަ މަހު ސޮނާކްޝީ ސިންހާ އާއި ހުމާ ގްރޭޝީއާ އެކީ "ޑަބަލް އެކްސްއެލް" ގެނެސްދިން މުދައްސަރު އަޒީޒު ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ކޮމެޑީ "ކޭލް ކޭލް މޭ" އެވެ. މީގެ ކާސްޓްގައި ތާޕްސީ ޕައްނޫ އާއި ވާނީ ކަޕޫރާއި މަދުމަދުން ހިންދީ ފިލްމުތަކުން ވެސް ފެންނަ ޕަންޖާބީ އެކްޓަރު/ލަވަކިޔުންތެރިޔާ އައްމީ ވާކް ވެސް ހިމެނެ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ "ކޭކް ކޭލް މޭ" ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށެވެ. މި ފިލްމު ވާނީ މުދައްސަރާ އެކީ އަކްޝޭ މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ.
"ކޭލް ކޭލް މޭ" ގެ ބަތަލާއިންނަށް ނެގި ވާނީ އާއި ތާޕްސީއާ އެކީ އަކްޝޭ ކުރިން ވެސް މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން މިދިޔަ އަހަރު ރިލީޒްކުރި އޭނަގެ "ބެލް ބޮޓަމް" ގެ ބަތަލާ އަކާ ވާނީ އެވެ. އަކްޝޭ އާއި ތާޕްސީ މަސައްކަތްކޮށްފައިވާ ފިލްމުތަކަކީ "ބޭބީ" އާއި އޭގެ ފޮލޯއަޕް "ނާމް ޝަބާނާ" އެވެ.
އަކްޝޭ، 55، ގެ ފަސް ފިލްމެއް މި އަހަރު ރިލީޒްކުރި އިރު، އެ ހުރިހާ ފިލްމުތަކަކީ ވެސް ފްލޮޕްތަކެވެ. އެ ފިލްމުތަކަކީ "ބައްޗަން ޕާންޑޭ"، "ސަމްރާޓް ޕްރިތުވީ ރާޖް"، "ރަކްޝާ ބަންދަން"، "ކަތުޕުތުލީ" އަދި "ރާމް ސެޓޫ" އެވެ.
އަކްޝޭގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ސެލްފީ" އާއި އޯ މައި ގޯޑް (އޯއެމްޖީ) 2 ހިމެނެ އެވެ.