މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިހިބިލިޓޭޓްކޮށް އަލުން މުޖުތަމައަށް ނެރުމަށް ކުރެވެމުން އަންނަ މަސައްކަތުގެ ތެރެއިން ފަރުވާ ދެވޭ ސެންޓަރުތަކުގެ ޖާގަ ވެސް ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އިތުރުކުރެވިފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ހަތަރު އަހަރުގެ ކާމިޔާބީތަކާ ބެހޭ ގޮތުން ސަރުކާރުން ބުނެފައި ވަނީ އަތޮޅުތަކުގައި ހުރި ޑްރަގަށް ފަރުވާދޭ ސެންޓަރުތަކުގެ ޖާގަ މިހާރު 200 އަށް ވުރެ އިތުރު ކަމަށެވެ. އެގޮތުން ހދ. ހަނިމާދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހިބިލިޓޭޝަންގެ ޖާގަ 14 އަށް އިތުރުވެފައިވާ އިރު ކ. ގުޅީގެ އޮފެންޑާ ރިމާންޑް ސެންޓަރުގެ ޖާގަ 100 އަށް އިތުރު ކުރެވިފައިވާ ކަމަށް ބުންޏެވެ.
ރާއްޖޭގައި ޑްރަގް ރީހެބިލިޓޭޝަން އަދި ޑިޓޮކްސިފިކޭޝަން ފަރުވާ އިތުރަށް ފުޅާކުރުމުގެ ގޮތުން މި ދައުރުގައި އެކި ސެންޓަރުތަކުގައި 220 އިތުރު ކެޕޭސިޓީ ވަނީ އުފައްދާފައި. #HamaHama4 pic.twitter.com/oERBQ2C1S0
— Government of Maldives (@governmentmv) November 23, 2022
މީގެ އިތުރުން ގދ. ތިނަދޫގެ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހިބިލިޓޭޝަންގެ ޖާގަ މިހާރު 31 އަށް އިތުރުވެފައިވާ އިރު، ގއ. ވިލިގިލީ ސެންޓަރުގެ ޖާގަ 15 އަށް އިތުރުވެފައިވެ. އަދި އައްޑޫ ހުޅުމީދޫގައި "ވިލުނު" ގައި ނަމުގައި މި އަހަރު ހުޅުވި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހިބިލިޓޭޝަން ސެންޓަރަކީ 60 މީހުންގެ ޖާގައިގެ ތަނެއް ކަމަށް ސަރުކާރުން ބުންޏެވެ. ހަމަމިއާ އެކު ހިތަދޫގައި ވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދޭ ސެންޓަރުގެ ޖާގަ މި އަހަރު އިތުރުކޮށްފައިވެ އެވެ.
ހުޅުމާލޭ ހާފްވޭ ހައުސްގައި އަލަށް ހުޅުވި އިމާރާތުގައި އެއްފަހަރާ 20 އަންހެނުން އަދި 58 ފިރިހެނުންނަށް ފަރުވާ ދެވޭނެ.
މިއީ މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅެއް. #HamaHama4 pic.twitter.com/gxF1EUTm5H— Government of Maldives (@governmentmv) November 23, 2022
މީގެ އިތުރުން ދާދި ފަހުން ހުޅުމާލޭގައި ވެސް ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދޭން 78 މީހުންގެ ޖާގައިގެ ހާފްވޭ ހައުސްއެއް ހުޅުވައިފަ އެވެ.